ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީގެ ގ. ކެނެރީގޭގެ ފާރުގައި އިންޑިއާ އައުޓް ސްޕްރޭ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކެނެރީގޭގެ ފާރުގައި "އިންޑިއާ އައުޓް" ސްޕްރޭކުރި މައްސަލައިގައި އުމުރުން 28 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުނުފަހުން އެ ހަރަކާތް ވަނީ ކުރިއަށް ވުރެ ބޮޑަށް ފުޅާވެފަ އެވެ. އެގޮތުން މާލޭގެ އެކި ގެތަކުގައި އިންޑިއާ އައުޓް ބެނާތައް ނަގާފައިވެ އެވެ. ފުލުހުން ވަނީ އެ ބެނާތައް ނަގާފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ނެގި "އިންޑިއާ އައުޓް" ބެނާ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ނެގީ ގޯސް ކޮށް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގާ މި ހަރަކާތަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. އެމަނިކުފާނު ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި ނެގި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ ގޯސް ކޮށް ކަމަށް ކަނޑައަޅައި ހައި ކޯޓުން ކުރި ހުކުމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.