އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާ ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ އެންމެ ފަހުގެ ޓްރަޔަލްތަކުގެ ނަތީޖާ އިން 90 ޕަސެންޓް ކާމިޔާބު ކަމަށް ބުނެފި އެވެ.
އަސްޓްރާޒެނެކާއިން މިއަދު ބުނީ އެއް ޑޯޒު ދީގެން ހެދި ޓެސްޓްތަކުގެ ނަތީޖާ 90 ޕަސެންޓް ކާމިޔާބު ކަމަށެވެ. އަދި އެއީ ކޮވިޑާ ދެކޮޅަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަން ރައްކާތެރި ވެކްސިނެއްގެ ގޮތުގައި ވެގެން ގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މި ވެކްސިނަކީ ކޮވިޑާ ދެކޮޅަށް ބޭނުންކުރެވޭނެ އިތުބާރުކުރެވޭ އަދި ރައްކާތެރި ވެކްސިނެއް ކަމަށް މިވަނީ ބެލެވިފައި. މިފަދަ ކުއްލި ހަލާތަކެއްގައި މި ވެކްސިން ބޭނުންކުރުމުން ވަގުތުން އޭގެ އަސަރު ފެންނާނެ،" އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް ޕަސްކަލް ސޮރޮއޮޓް ވިދާޅުވި އެވެ.
މި ވެކްސިންގެ ޓެސްޓްތައް ކުރިޔަށް ގެންދިޔައީ އިނގިރޭސިވިލާތުގެ އިތުރުން ބްރެޒިލްގަ އެވެ. މި ޓެސްޓްތައް ކުރިޔަށް ގެންދިޔައިރު ބަލިވެގެން މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް އަދި ހާލުދެރެވެފައިނުވާ ކަމަށް ވެސް އަސްޓްރާ އިން ބުންޏެވެ.
އެ ކުންފުނިން މި ޓެސްޓްތައް ކުރިޔަށް ގެންދިޔައީ ދެގޮތަކަށެވެ. އެއީ ދެބައިކުޅައެއްބައި ޑޯޒަކާއި ފުލް ޑޯޒެއް ދީގެންނެވެ. ދެބައިކުޅަ ޑޯޒް ދީގެން ކުރިޔަށް ގެންދިޔަ ޓެސްޓްތަކުގައި 90 ޕަސެންޓް ކާމިޔާބުވި އިރު، ދެ ފުލް ޑޯޒް ދީގެން އެއްމަސް ދުވަހަށް ކުރިޔަށް ގެންދިޔަ ޓެސްޓްތަކުގެ 62 ޕަސެންޓް ކާމިޔާބެވެ. އަދި ދެބައި ގުޅުވާލުމުން އެވްރެޖް ރޭޓް 70 ޕަސެންޓް ކާމިޔާބު ކަމަށް އަސްޓްރާ އިން ބުންޏެވެ.
މި ވެކްސިން އަންނަ އަހަރު ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށް އެ ކުންފުނިން އުއްމީދުކުރެ އެވެ. އެ ވެކްސިން އުފައްދަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުންނެވެ.
އޮކްސްފޯޑާއި އަސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިންގެ އިތުރުން އެމެރިކާގެ ފައިޒާ އާއި މޮޑާނާ އިން އުފެއްދި ދެ ވެކްސިންގެ ނަތީޖާ މިދިޔަ ހަފުތާގައި އާއްމުކުރިއިރު 95 ޕަސެންޓް ކާމިޔާބު ކަމަށް ދެއްކި އެވެ.