އެމެރިކާގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ލީޑް ރޯލުން ފެންނަ "ޓޮޕް ގަން: މެވަރިކް" ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނައިރު ކޮޕީރައިޓް މައްސަލައެއްގައި އެ ފިލްމު އުފެއްދި ޕެރަމައުންޓް ޕިކްޗާސް އަށް ދައުވާކޮށްފި އެވެ.
ޕައިލެޓެއްގެ ވާހަކަ ކިޔައިދޭ "ޓޮޕް ގަން" އަކީ ޓޮމް ކްރޫޒް އެންމެ ފުރަތަމަ މަޝްހޫރުކަން ހޯދަން ފެށި ފިލްމެވެ. އެ ފިލްމާ އެކު ކްރޫޒް ވަނީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދައިފަ އެވެ. ޓޮޕް ގަން ފުރަތަމަ ރިލީޒްކޮށްފައިވަނީ 1986 ވަނަ އަހަރު އެވެ."ޓޮޕް ގަން" އުފައްދާފައިވަނީ ލިޔުންތެރިޔާ ހޫދު 1983 ވަނަ އަހަރު ނޫހެއްގައި ޖެހި އާޓިކަލެއް އަސްލަކަށް ބަލައިގެންނެވެ.
ހޫދުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އެމީހުން ކޮޕީރައިޓްސް ދީފައިވަނީ ހަމައެކަނި "ޓޮޕް ގަން" އުފެއްދުމަށެވެ.
ޕެރާމައުންޓް ސްޓޫޑިއޯއިން އެފިލްމުގެ ދެ ވަނަ ބައެއް އުފެއްދުމަށް އެމީހުން ކައިރިން ރައިޓްސް ހޯދާފައިނުވާތީ މިހާރު ވަނީ އެސްޓޫޑިއޯއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.
އެމައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު ދައުވާގައި ހޫދުގެ އާއިލާއިން އެދިފައިވަނީ ހުއްދަ ނުހޯދާ ފިލްމު ހެދުމުން ލިބުނު ގެއްލުމުގެ ބަދަލުގައި މި ފިލްމުން ލިބޭ ފައިދާ އާއި އެނޫންވެސް ކަންކަން ބޭނުންވާކަމަށެވެ.
"ޓޮޕް ގަން: މެވެރިކް" އަކީ 1986 ގައި ގެނެސްދިން "ޓޮޕް ގަން" ގެ ދެވަނަ ބައެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޖޯސެފް ކޮޒިންސްކީ އެވެ. މި އެކްޝަން ޑްރާމާ ކާސްޓުންގެ ތެރޭގައި ޖެނިފާ ކޮނެލީ، މިލެޒް ޓެލާ، ގްލެން ޕަވަލް ވަލް ކިލްމާ، އެޑް ހެރިސް، ޖޮމް ހެމް އަދި ލުވިސް ޕުލްމަން ހިމެނެ އެވެ.
މިދިޔަ މަހުގެ 27 ގައި ރިލީޒްކުރި "ޓޮޕް ގަން: މެވެރިކް" އަށް މިހާތަނަށް 557.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވ. ޖުމްލަ 170 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުވެފައި ވަނީ ރިލީޒްކުރި ހަފުތާ ބަންދުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ކްރޫޒްގެ ފުރަތަމަ ފިލްމަށެވެ. "ޓޮޕް ގަން: މެވެރިކް" އަށް ލީޒްކުރި ހަފުތާ ބަންދުގައި އެކަނި ވެސް 100 މިލިއަން ޑޮލަރު ލިބުނެވެ.