ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރެކޭ އެއްގޮތަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާ އެކު ވެސް އިއުތިރާފް އެއްބަސްވުމެއް ހެދުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 32 ދައުވާއަށް އިއުތިރާފުވާން އޭނާ ވަނީ އެއްބަސްވެފަ އެވެ. އެގޮތަށް އެއްބަސްވުމުން ކޯޓުން އިއްވާނީ ލުއި ހުކުމެކެވެ. އެކަމުގެ ސަބަބުން ޖަލު ހުކުމުގެ މުއްދަތު ކުރުވެގެން ދަނީއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރު ކްރިމިނަލް ކޯޓުން ޒިޔަތަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެއީ ޅ. މާބިންހުރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އިން އެމްއެމްޕީއާރްސީއަށް ދިން ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ. ދެން އޭނާ އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ގާއިމްކޮށްފައިވާތީ އޭނާ ވަނީ އެ މައްސަލަ އަނބުރާ ގެންދަވާފަ އެވެ.
ޒިޔަތާއެކު ވެފައިވާ އިއުތިރިފު އެއްބަސްވުމުގައިވާގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި މީހުންގެ މައުލޫމާތު ތަހުގީގަށް އޭނާ ކިޔައިދެއްވަންޖެހެ އެވެ. އަދި އެފަދަ މީހުންނާ ދެކޮޅަށް ހެކި ބަޔާން ދިނުމަށް އޭނާގެ މައްޗަށް ލާޒިމްވާނެ އެވެ.