އެމެރިކާގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕްގެ ގާނޫނީ ވަކީލެއް ގޮތުގައި މަސައްކަތް ކުރި ކެމީލް ވެސްގެޒްއަށް ޕްރޮމޯޝަނެއް ލިބިއްޖެ އެވެ.

ކެމީލް ޖޯނީ ޑެޕްގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރީ އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑް އޭނާގެ މައްޗަށް އުފުލި އަބުރުގެ ދައުވާގެ މައްސަލާގައި އެވެ.

މިމައްސަލަ ކުރިއަށް ދިޔައިރު މީޑިއާގެ ވަރަށް ބޮޑު ސަމާލުކަމެއް ކެމީލް ވަނީ ހޯދާފަ އެވެ.

ޑެޕް ކޮޅަށް މިމައްސަލަ ނިމިގެން ދިޔަ އެންމެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަނީ އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި ކެމީލްގެ ގާބިލްކަމެވެ.

ޑެޕްގެ މައްސަލައިގައި ވަކީލާތު ކުރި ވަކީލުން ނިސްބަތްވަނީ ބްރައުން ރަޑްނިކް ލޯފާމަށެވެ. ބްރައުޑް ރަޑްނިކް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކެމީލް މިހާރު އެތަނުގެ ޕާޓްނަރެއްގެ މަގާމަށް ޕްރޮމޯޓް ކޮށްފައިވާ ކަމަށެވެ.

ލޯފާމްގެ ޕާޓްނަރެއްގެ މަގާމަށް ކެމީލް ޕްރޮމޯޓް ކޮށްފައި މިވަނީ ޑެޕްގެ މައްސަލަ ނިމުނު ފަހުން އެހެން ލޯފާމްތަކުން ކެމީލްއަށް ވަޒީފާގެ ގިނަ ހުށަހެޅުންތަކެއް ވެސް ލިބެމުން އަންނަނިކޮށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެމީލް އަށް އެމެރިކާގެ ބައެއް ޓީވީ ޗެނަލްތަކުން ވެސް މިހާރު އަންނަނީ ފުރުސަތުތައް ލިބެމުންނެވެ. އެއީ ޓީވީ ޗެނަލްތަކުގައި ގާނޫނީ ބައެއް މައްސަލަތަކާއި ގުޅޭ ގޮތުން ވާހަކަދައްކައި މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށެވެ.

ކެމީލް އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ލޯފާމްގައި މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ.

ޖޯނީ އެ މައްސަލަ ކާމިޔާބުކުރުމުން ކޯޓުން ވަނީ އޭނާއަށް 15 މިލިއަން ޑޮލަރު ދެއްކުމަށް އެމްބާގެ މައްޗަށް ހުކުމްކޮށްފަ އެވެ. އަދި އެމްބާއަށް ދެ މިލިއަން ޑޮލަރު ދައްކަން ޖޯނީގެ މައްޗަށް ހުކުމްކޮށްފައިވެ އެވެ.

ނަމަވެސް އެމްބާގެ ވަކީލާ ޓީވީ ޕްރޮގުރާމެއްގައި ވާހަކަދައްކަމުން ވަނީ ޖޯނީއަށް ދައްކަންޖެހޭ 10 މިލިއަން އެމްބާއަށް ނުދެއްކޭނެ ކަމަށް ބުނެފަ އެވެ.