އުއްތަރަ ޕްރަދޭޝް (13 ޖޫން) - އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސް އޮފިޝަލަކު ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާ ގުޅިގެން އެގައުމުގެ އެކި ހިސާބުތަކުގައި އަޑުއުފުލަމުން އަންނަ މުސްލިމުންގެ ގެދޮރު އެގައުމުގެ ސަރުކާރުން ސުންނާފަތިކުރަން ފަަށައިފި އެވެ.
އެގޮތުން އުއްތަރަ ޕްރަދޭޝްގެ އިދާރާތަކުން ވަނީ އެސަރަހައްދުގައި ކުރިއަށްދިޔަ އެއްވުންތަކުގައި ބައިވެރިވި ކަމަށް ބުނާ މުސްލިމުންގެ ގެތައް ބިމާހަމަކޮށްފަ އެވެ.
އުއްތަރަ ޕްރަދޭޝްގެ ބޮޑުވަޒީރު ޔޯގީ އަދިތުޔާނާތުގެ އަމުރުގެ ދަށުން މުޒާހަރާތަކުގައި އިސްކޮށްއުޅޭ ކަމަށް ބުނެ މުސްލިމުންގެ ތިން ގެއެއް ވަނީ ސުންނާފަތި ކޮށްފަ އެވެ. ޔޯގީއަކީ ހިންދޫ ދީން ފަތުރަން މަސައްކަތްކުރާ ފާދިރީ އެކެވެ.
ބީޖޭޕީގެ ތަރުޖަމާނު ނުޕުރް ޝަރްމާ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ބަދު ބަސް ބުނުމާއެކު އިންޑިއާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި ކުރިމަތިލުންހތަކެއް ވަނީ ފެށިފަ އެވެ. މި ސިލްސިލާ މުޒާހަރާތަކުގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ.
އިންޑިއާގެ ދާޚިލީ މަޝްރަހު ހަލަބޮލި ވެފައިވާއިރު މިހާތަނަށް މި ހަމަނުޖެހުންތަކުގައި އުއްތަރަ ޕްރަދޭޝްއިން އެކަނި ވެސް 300 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.
މައިނޯރިޓީ ޖަމާއަތެއްގެ ގޮތުގައި އިންޑިއާގެ މުސްލިމުންނަށް ބީޖޭޕީގެ ވެރިކަމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން މުސްލިމުންނަށް ތަފާތު ކުރުންތައް ގެންގުޅުމާއި އާއްމު ބައެއް ތަންތަނުގައި ބުރުގާ އެޅުން މަނާ ކުރުމަކީ ސަރުކާރުން ކޮށްފައިހުރި ކަންކަމެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ނުޕުރް ބީޖޭޕީއިން ސަސްޕެންޑް ކޮށްފައިވާ ނަމަވެސް އިންޑިއާގެ އެތައް ލައްކަ ހިންދޫންނެއް އަންނަނީ އޭނާ ދިފާއުކޮށް ނުޕުރްއަށް އޮތް ތާއީދު ހާމަ ކޮށްދެމުންނެވެ.
މިކަމާ ގުޅިގެން ބީޖޭޕީއިން ބުނެފައިވަނީ ނުޕުރްގެ ވާހަކަތަކަކީ އިންޑިއާ ސަރުކާރުގެ ވިސްނުން ނޫން ކަމަށާއި އެއްވެސް ދީނެއްގެ އެއްވެސް ޝަހުސިއްޔަތަކަށް ފުރައްސާރަ ކުރުމަކީ އެޕާޓީއިން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
މައްސަލަ ހޫނުވި ފަހުން ނުޕުރް ވަނީ އޭނާގެ ވާހަކަތަކަކީ އެއްވެސް ބަޔަކަށް ބަދުބަސް ބުނުމުގެ ނިޔަތުގައި ބުނި ވާހަކަތަކެއް ނޫން ކަމަށް ބުނެ މައާފަށް އެދިފަ އެވެ.
މި މައްސަލާގައި އިންޑިއާ ސަރުކާރަށް ބައިނަލްއަގްވާމީ ފާޑުކިޔުމާއި ފިއްތުންތައް ކުރިމަތިވެފައިވާއިރު ގިނަ އިސްލާމީ ގައުމުތަކުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. -- ސީއެންއެން