ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދާ ބައެއް މީހުން އެތަންނަށް ގެއްލުން ދެމުން އަންނަ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ފަރުދާ ކަފާލުމާއި ބެޑްޝީޓު ހަލާކުކޮށްލުމާއި ރޫމްގައި ހުންނަ އެކި ތަކެއްޗަށް ގެއްލުންދީފައި ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ.

އެތަންތަނަށް ގެއްލުން ދިނުމުން އެކަމުގެ ބަދަލު ދޭންޖެހޭނީ ދައުލަތުން ކަމަށާއި އެފަދަ އަމަލުތައް ތަކުރާރު ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅަން ދައުލަތުން ފަސް ނުޖެހޭނެ ކަމަށް ވެސް ޑރ. ނަލްޒާ ވިދާޅުވި އެވެ.

އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ސަރުކާރުން ބޭނުން ކުރަމުން އަންނަނީ ރިސޯޓުތަކެވެ. އެތަންތަނަކީ ސަރުކާރުން ކުއްޔަށް ހިފާފައިވާ ތަންތަނެވެ. ޑރ. ނަޒްލާ ވިދާޅުވިގޮތުގައި ދައުލަތުގެ ބަޖެޓުން އެތަންތަނަށް ބޮޑު ހޭދައެއް ކުރެ އެވެ. އަދި ގެއްލުންދޭނަމަ ކުރަންޖެހޭ ހޭދަ އެއަށްވުރެ ބޮޑުވެގެންދާނެ އެވެ.

އޭނާ ވިދާޅުވީ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ނަމަވެސް އިތުރު ގޮތެއް ނެތްނަމަ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.

އައިސޮލޭޝަން ފެސިލީތަކުގައި ތިބޭމީހުން ޒިންމާދާރު ކަމާއެކު އަމަލުތައް ބެހެއްޓުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.