މޮސްކޯ (18 ޖޫން) - ޔޫކްރެއިން ޔޫރަޕިއަން ޔޫނިއަންއާ ގުޅުމާމެދު އެއްވެސް ޚިލާފެއް ނެތް ކަމަށް ރަޝިއާގެ ރައީސް ވްލަޑިމީރް ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން މިހެން ވިދާޅުވެފައިވަނީ އީޔޫއިން އެ ޖަމާއަތުގެ މެމްބަރުކަން ޔޫކްރެއިންއަށް ހުށައަޅަން ނިންމައި އެކަން އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

"އެކަމުގައި ރަޝިއާގެ އެއްވެސް އިއުތިރާޒެއް ނެތް. އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި އެމީހުންގެ (ޔޫކްރެއިންގެ) އަމިއްލަ ނިންމުމެއް،" ޕުޓިން ވިދާޅުވި އެވެ.

ޔޫކްރެއިންއިން އީޔޫއާ ގުޅުނަސް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ރަޝިއާއިން ބުނި ނަމަވެސް ރަޝިއާގެ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ޔޫކްރެއިން ނޭޓޯއާ ގުޅުމަށް ރަޝިއާއިން ފާޅުގައި ދެކޮޅުހަދަ އެވެ.

ޔޫކްރެއިން ނޭޓޯގެ މެމްބަރުކަން ހޯދަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުނުވުމުން ދެން އެކަމަށް މަސައްކަތް ނުކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

ބައިނަލްއަގްވާމީ ގޮތުން ޔޫކްރެއިންގެ ކޮންމެ ހަރަކާތަކަށް ރަޝިއާގެ ނަޒަރު ހުއްޓޭއިރު ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާއިން ދަނީ ޔޫކްރެއިންއަށް އަރައި ހަނގުރާމައެއް ހިންގަމުންނެވެ.

"އީޔޫއަކީ ނޭޓޯއާ ޚިލާފަށް އަސްކަރީ ޖަމާއަތެއް ނޫން،" ޕުޓިން ވިދާޅުވި އެވެ.