ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިއަދު ހެނދުނު 6:30 ގައި ބޭއްވި ހަރަކާތާ ދެކޮޅަށް ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެސް އަޑުއުފުލާފަ އެވެ. އަދި ފުލުހުންގެ ބެރިކޭޑްސްތައް ފޫއަޅުވާލައި އެއްވުމުގެ ބައިވެރިން ވަނީ ގަލޮޅު ދަނޑަށް ވަދެ، އެ ހަރަކާތް ހުއްޓުވާފަ އެވެ.

މި ހަރަކާތް ހުއްޓުވިއިރު ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފާއި، އިންޑިއާ ހައިކޮމިޝަނަރާއި ބޭރު ޖަމިއްޔާތަކުން ރާއްޖެއަށް ކަނޑައެޅުއްވި ބައެއް މަންދޫބުން ވެސް ތިއްބެވި އެވެ. އެއްވުމުގެ ބައިވެރިން ވަނީ ދަނޑަށް ވަދެ، އެ ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށް ހަމަލާދީފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ނުކުތް މީހުން ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، މުޒާހަރާގެ ތެރެއިން ހ ފިރިހެނަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަ ހިފައިގެން އެ މީހުން ދަނޑަށް ވަދެ، ޔޯގާ ހަދަން ތިބި މީހުންނަށް އިންޒާރު ދިން މައްސަލަ ހޫނުވެފައިވަނިކޮށް، ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގަލޮޅު ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

"އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި. އެކަމުގައި ޝާމިލުވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނަން،" ވަރަށް ޔަގީންކަމާއެކު ރައީސް ވިދާޅުވި އެވެ.

ދަނޑަށް ވަދެ، ޔޯގާ ހަދަން ތިބި މީހުންނަށް އިންޒާރު ދިން ވަގުތު އެ ސަރަހައްދުގައި ތިބީ ހައެއްކަ ފުލުހުންނެވެ. އެ ފުލުހުންނަށް އެ މީހުން މައިތިރި ނުކުރެވިގެން އެންމެ ފަހުން ފުލުހުންގެ ބޮޑު ފައުޖެއް އެ ސަރަހައްދަށް ގޮސް ޓިއާ ގޭސް ޖަހައިގެން އެމީހުން މައިތިރިކުރި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ނުކުތް މީހުން ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ.

ޔޯގާ ހަރަކާތް އިންތިޒާމުކުރިކަން އިއުލާނުކުރުމާ އެކު ދީނީ އިލްމުވެރިން ވަނީ އެކަން ނުކުރުމަށް ގޮވާލަމުންނެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ޔޯގާއަކީ އިންޑިއާ މީހުން އަޅުކަން ކުރުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.

އދ. އިން ވަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫން 21 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިފަ އެވެ. ޔޯގާ ދުވަސް ފާހަގަކުރަން އޭރު އދ. އަށް ހުށަހެޅި ގަރާރު ކޯ-ސްޕޮންސާ ކުރަން ވޯޓު ދިން 177 ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. އޭގެ ފަހުން ރާއްޖޭގައި ވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ޔޯގާ ހަރަކާތެއް ބޭއްވި އެވެ.