ހއ. އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރު ގާއިމް ކުރެވެންދެން، އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓު ފަހަރަށް އިތުރު ޚިދުމަތްތަކެއް ދޭން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާާގުބޯޓުތަކަށް ޚިދުމަތްދޭން ފެށޭނީ ކޮން ތާރީޚެއްގައިތޯ އާއި އަދި ދެވިދާނެ ޚިދުމަތްތައް ފާހަގަކޮށް ހޯރަފުށި ދާއިރާގެ ތިންރަށުން ހުށަހެޅި ގަރާރުގައި ހިމެނޭ ކަންކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރަށް ލިޔުމުން ޖަވާބު ހޯދުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގައި މިނިސްޓަރު ވިދާޅުވީ ގަރާރުގައިވާ ކަންކަން ވީ އެންމެ އަވަހަށް އެ ސަރަހައްދުގައި ފެށުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމަށް ކަމާގުޅުންހުރި އިދާރާތައް ހިމެނޭ ގޮތަށް ވާކިން ގްރޫޕެއް އެކުލަވާލެވި، މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވާކިން ގްރޫޕްގައި ކުރެވުނު މަޝްވަރާތަކަށްފަހު އިހަވަންދިއްޕޮޅުގައި އެންމެ އަވަހަށް ފެށިދާނެ ޚިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖުގެ ޚިދުމަތާއި، ޝިޕް ސްޓޯރު އަދި ސަޕްލައި ފޯރުކޮށް ދިނުމުގެ ޚިދުމަތް ވަނީ ފާހަގަ ކުރެވިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އެކަންކަމަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ގާއިމްކޮށް ވާންޖެހޭ އެހެނިހެން ތައްޔަރީތައް ވުމުގެ މަސައްކަތް އެމްޕީއެލްއާއި، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މިނިސްޓްރީގެ އަމާޒަކީ އެ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ޚިދުމަތް އިހަވަންދިއްޕޮޅުގައި ތައާރަފް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ މި މަސައްކަތްތަކުގެ އިތުރުން މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އިހަވަންދިއްޕޮޅުގައި ބައިނަލް އަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ވެސް އެސްޓީއޯއިން ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާއާއި، އުޅަނދުފަހަރާއި، އިކުމަންޓް ހޯދުމާއި، ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅުގައި ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރު ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ބަޔަކު ހޯދުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ފެށި އެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ގާއިމްކުރުމަށް މި ސަރުކާރުން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އަދި އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ގާއިމްކުރުމަށް އަމާޒު ހިފާފައިވާ ކަމަށާއި މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރެ އެވެ.