ނޮބެލް އިނާމު ލިބުނު ރަޝިއާގެ ނޫސްވެރިޔަކު ހާލުގައި ޖެހިފައިވާ ތިބި ޔޫކްރެއިންގެ ކުޑަ ކުދިންނަށް އެހީވުމުގެ ގޮތުން އޭނާއަށް ލިބުނު ނޮބެލް އިނާމުގެ މެޑަލް ވިއްކާލައިފި އެވެ.

2021 ވަނަ އަހަރު ނޮބެލް އިނާމު ހާސިލްކުރި ޑިމިޓްރޯ މުރަޓޯވް އޭނާގެ މެޑަލް ވިއްކާލާފައިވަނީ 103.4 މިލިއަން ޑޮލަރަށެވެ.

މި ނީލަމުން އޭނާއަށް ލިބުނު ފައިސާގެ ބޮޑު ބައެއް ހަދިޔާ ކުރާނީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަސަރު ކޮށްފައިވާ މީހުންނަށް އެހީވާން އދއިން ހިންގާ އިންސާނީ ޕްރޮގްރާމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މުރަޓޯވް އޭނާގެ ނޮބެލް އިނާމު ވިއްކާލިއިރު ޔޫކްރެއިންގެ ކުޑަކުދިން ހާލުގައި ޖެހިފައިވަނީ އޭނާގެ އަމިއްލަ ގައުމުން ހިންގާ ޖަރީމާތަކުގެ ސަބަބުންކަން ފާހަގަ ކޮށްލެވެ އެވެ.

މުރަޓޯވްއަކީ ރަޝިއާގެ ރައީސް ވްލަދިމީރް ޕުޓިންއަށް އޭނާ މަސައްކަތްކުރާ ނޫހުގައި ވަރަށް ފާޅުކަން ބޮޑުކޮށް ފާޑުކިޔަމުން އައި ނޫސްވެރިއެކެވެ. ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ އަމަލުތައް ހުރި ގޮތް ގެނެސްދެމުންދާތީ ސަރުކާރުން ކުރިމަތި ކުރުވި ފިއްތުންތަކުގެ ސަބަބުން މާޗް މަހު އެ ނޫސް ނެރުން ވަނީ ހުއްޓާލާފަ އެވެ.

މިޓްރޯގެ މެޑަލް ވިކުނު އަގަކީ މިހާތަނަށް ނޮބެލް އިނާމެއްގެ މެޑަލް ވިކިފައިވާ އެންމެ ބޮޑު އަގު ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެ އެވެ. މީގެ ކުރިން މިފަދަ މެޑަލްއެއް އެންމެ އަގުބޮޑުކޮށް ވިކިފައިވަނީ އެންމެ ފަސް މިލިއަން ޑޮލަރަށެވެ.