ދޯހާ (22 ޖޫން) - މިއަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްއާ ދިމާކޮށް އެގައުމުގެ ގައުމީ އެއާލައިން ކަމަށްވާ ގަތަރު އެއާލައިންސްއިން ދަތުރުކުރާ މަންޒިލްތައް މަދު ކުރާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ގަތަރު އެއާވޭސްގެ ޗީފް އެގްޒެކިއުޓިވް އޮފިސަރު އަކްބަރު އަލް ބަކުރް ވިދާޅުވީ ވޯލްޑް ކަޕްގެ ސަބަބުން އިތުރުވާ ޑިމާންޑަށް ޚިދުމަތް ދިނުމުގެ ގޮތުން އެ އެއާލައިނުން މިހާރު ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން 20-15 މަންޒިލަކަށް ވަގުތީ ގޮތުން ދަތުރުތައް ހުއްޓާލާނެ ކަމަށެވެ.
އޭގެ އިތުރުން ވެސް އެ އެއާލައިންގެ ހިއްސާ އޮތް އެހެން އެއާލައިން ތަކުން ވެސް މުބާރާތާ ދިމާކޮށް އިތުރު ދަތުރުތައް ހަމަ ޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އަކްބަރް ވިދާޅުވި އެވެ.
އަންނަ ނޮވެމްބަރު މަހު 21 ވަނަ ދުވަހު ފެށޭ ވޯލްޑް ކަޕް މުބާރާތަށް ގަތަރަށް ގިނަ ބަޔަކު ދަތުރު ކުރާނެ ކަމަށް ލަފާ ކުރެވޭއިރު ގަތަރު އެއާލައިންސްއިން އަންނަނީ ޕެސަންޖާ ޓްރެފިކް މެނޭޖްކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.
ގަތަރު ވޯލްޑް ކަޕް އިންތިޒާމްކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މުބާރާތާ ދިމާކޮށް އެގައުމަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ އެވެ.
ގަތަރަކީ ފަތުުރުވެރިންގެ ހޮޓަލްތައް މަދު ގައުމަކަށް ވުމާއެކު މުބާރާތަށްޓަކައި އެގައުމަށް އަންނަ ފަތުރުވެރިން ބައިތިއްބުމަށް ހަމަޖެހިފައިވަނީ ސަހަރާތަކުގައި އަޅާ ޓެންޓްތަކެއްގަ އެވެ. ފަތުރުވެރިންނަށް މިއީ ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް އެގައުމުން ބުނެ އެވެ.
މިއަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ކޮވިޑް 19ގެ ފަހުން ބޭއްވޭ ފުރަތަމަ މުބާރާތަށް ވުމާއެކު މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށް ކުޅިވަރުގެ މާހިރުން ވިދާޅުވެ އެވެ. -- އަލް އަރަބިއްޔާ