ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި 4 މީހަކު 2 މަސްދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގަ ދިވެހި 6 ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ ތެރެއިން 2 މީހަކުވަނީ 5 ދުވަހުގެ މުއްދަތަށް ބަންދު ކޮށްފަ އެވެ.

ދެމަސްދުވަހުގެ މުއްދަތަށް ބަންދުކުރި ހަތަރު މީހުންނަކީ މުހައްމަދު ނަދީމް, ވީނަސް ކ.ތުލުސްދޫ، މުހައްމަދު މައުސޫމް, ހެޕީސައިޑް ތ.މަޑިފުށި, މުހައްމަދު ޙުސައިން, ގްރީން ހައުސް ހއ. ތުރާކުނު އަދި އަމީން އަޙްމަދު, ލިލީ ޕާކް ގދ. ރަތަފަންދޫ އެވެ. 5 ދުވަހުގެ މުއްދަތެއް ދީފައިވާ ދެމީހުންނަކީ ޝާމީ ރަޝާދު އިދްރީސް, ދަފްތަރު ނަންބަރު 1105, އަދި މުހައްމަދު ޒިލްޔާން, މއ.ކަނުހުރާ އެވެ.

ދަނޑަށް ވަދެ، ޔޯގާ ހަދަން ތިބި މީހުންނަށް އިންޒާރު ދިން ވަގުތު އެ ސަރަހައްދުގައި ތިބީ ހައެއްކަ ފުލުހުންނެވެ. އެ ފުލުހުންނަށް އެ މީހުން މައިތިރި ނުކުރެވިގެން އެންމެ ފަހުން ފުލުހުންގެ ބޮޑު ފައުޖެއް އެ ސަރަހައްދަށް ގޮސް ޓިއާ ގޭސް ޖަހައިގެން އެމީހުން މައިތިރިކުރި އެވެ. ޔޯގާ ހަރަކާތް އިންތިޒާމުކުރިކަން އިއުލާނުކުރުމާ އެކު ދީނީ އިލްމުވެރިން ވަނީ އެކަން ނުކުރުމަށް ގޮވާލަމުންނެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ޔޯގާއަކީ އިންޑިއާ މީހުން އަޅުކަން ކުރުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.

މިހަރަކާތަށް ހުރަސްއަޅައި، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެގޮތުގައި ތަހުގީކޮށް، މިކަމުގައި ޝާމިލުވާ އެންމެން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ވިދާޅުވެފަ އެވެ. އަދި ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހިންގި އަމަލު ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށް އެއަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ތަޙްޤީގުކޮށް ފިޔަވަޅުއެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއް ވަނީ އެކުލަވާލައްވާފަ އެވެ.