ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގެ ތުހުމަތުގައި އައްޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމްވެސް ހައްޔަރު ކޮށްފި އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.

މި މައްސަލައާ ގުޅިގެން މިރޭ ވަނީ އައްޝައިޚް ފަޒްލޫން ބިން މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލާއި ޕީޕީއެމްގެ އެކްޓިވިސްޓް އިބްރާހިމް ރައްޒާން (ޓަކީ) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މުހައްމަދު އިސްމާއީލްއާއި ޓަކީ ހައްޔަރު ކޮށްފައިވަނީ އެދެމީހުން ކާނިވާ ތެރޭ ތިއްބާ ކަމަށް މައުލޫމާތު ލިބެ އެވެ.

ހާދިސާ ހިނގި ސަރަހައްދުން ވަނީ އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުން ހިންގި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އެ ދުވަހުގެ ހަމަނުޖެހުމުގެ ފޮޓޯ އާއި ވީޑިއޯ ފުލުހުންނާ ހިއްސާ ކުރުމަށް ހާއްސަ ޕޯޓަލްއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

ހަމަނުޖެހުމާ ގުޅިގެން ޝައިޚް ނިޝާން ނެރުއްވި ބަޔާނެއްގައި ވަނީ އެ ހަރަކާތަށް ވަޑައިގަތީ ސުލްހަވެރިކަމާއެކު އެކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އިންތިޒާމްކުރި ޒުވާނުން ދިނުމުން ކަމަށެވެ. އެކަމަކު ޒުވާނުންގެ ލޭކެކި އޭނާ ދެއްވި އިރުޝާދާ ހިލާފަށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގަން ފެށުމުން އެ ހަރަކާތް ނިމުނީ ކަމަށް އިއުލާންކޮށް އެތަނުން ގޮސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.