ވޮޝިންޓަން (23 ޖޫން) - ޔޫކްރެއިން މައްސަލާގައި ރަޝިއާއާ ދެކޮޅަށް އަޅާ އިތުރު ދަތިކުރުމުގެ ފިޔަވަޅު ތަކެއް ކުރިއަށް އޮތް ޖީ7 ސަމިޓްގައި ގައުމުތަކުގެ ލީޑަރުން އިއުލާން ކުރާނެ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

"ރަޝިއާއަށް އިތުރު ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި ޖީ7ގެ ލީޑަރުން މަޝްވަރާކޮށް ޕްރޮޕޯސަލްތައް ހުށައަޅާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތައް ހިމެނޭ ޖީ7 ސަމިޓްގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަންނަ ހަފްތާގައި ސަމިޓް އޮންނަ ބަވޭރިއާއަށް ވަޑައިގަންނަވާނެ އެވެ. މި ސަމިޓުގައި ދެން ބައިވެރިވާނީ އިނގިރޭސި ވިލާތް، ޖަރުމަނު، ފްރާންސް، ޖަޕާން، އިޓަލީ އަދި ކެނެޑާގެ ލީޑަރުންނެވެ.

މި ގައުމުތަކަކީ މިހާރު ވެސް ރަޝިއާއަށް ފިއްތުންތައް ކުރިމަތިކުރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ގައުމުތަކެވެ. އެގޮތުން ރަޝިއާގެ ހަކަތައާއި ރަޝިއާގައި އުފައްދާ މުދާ އެތެރެކުރުން މި ގައުމުތަކުން ވަނީ މަނާކޮށްފަ އެވެ.

ހާއްސަ މިލިޓަރީ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ކުރަމުން ދާއިރު ރަޝިއާއާއެކު ބޯޑަރު ހިއްސާކުރާ ޔޫކްރެއިންގެ ގިނަ ސަރަހައްދުތަކެއް ވަނީ މިހާރު ރަޝިއާގެ އަތްދަށަށް ގޮސްފަ އެވެ.

ޖީ7 ސަމިޓަށްފަހު ނޭޓޯގެ ބައްދަލު ވުމެއް ވެސް ތާވަލުކުރެވިފައިވާއިރު، ޖީ7 މެމްބަރުންގެ ތެރެއިން ޖަޕާން ފިޔަވައި އެހެން ގައުމުތަކަކީ ނޭޓޯގެ ވެސް މެމްބަރުންނެވެ.

މި ދެ ބައްދަލުވުމުގައި ވެސް ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވީޑިއޯ މެދުވެރިކޮށް ބައިވެރިންނާ މުހާތަބުކުރައްވާނެ އެވެ. -- އަލް އަރަބިއްޔާ