ބޮލީވުޑްގެ މަޝްހޫރު ތިން ތަރިން ކަމަށްވާ، އަކްޝޭ ކުމާރާއި ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލް އެކުގައި ފެނުނު ކޮމެޑީ ފިލްމު "ހީރާ ޕޭރީ"ގެ ތިންވަނަ ބައެއް ވަރަށް އަވަހަށް އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށް އެފިލްމުގެ ޕްރޮޑިއުސަރު ފީރޯޒް ނަދިޔާވާލާ ބުނެފި އެވެ.

މަޝްހޫރު ހިންދީ ކޮމެޑީ ފިލްމު "ހީރާ ޕޭރީ" ގެ 3 ވަނަ ބައެއް ހެދުމުގެ މަސައްކަތް މީގެ ކުރިންވެސް ވަނީ ފަށާފަ އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި ހުރެގެން މިމަސައްކަތް ވަނީ ކުރިއަށް ނުގެންދެވިފަ އެވެ.

މިކަމާއި ގުޅޭ ގޮތުން މީޑިއާގައި މިފިލްމުގެ ޕްރޮޑިއުސަރު ފީރޯޒް ނަދިޔާވާލާ ބުނެފައިވަނީ "ހީރާ ޕެރީ 3" ގައިވެސް ފެނިގެންދާނީ މި ފިލްމުގެ ކުރީގެ ދެ ބައިންވެސް ފެނިގެންދިޔަ ތަރިން ކަމަށެވެ. އަދި އޮރިޖިނަލް ކެރެކްޓާތަކަށް އެއްވެސް ބަދަލެއް ނުގެނެސް މިފިލްމުގެ ވާހަކަ ނިންމުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކުރީގެ 2 ފިލްމުގައިވެސް ފެނުނު ކެރެކްޓާތަކަކީ އަކްޝޭ ކުޅުނު ރާޖޫ، ޕަރޭޝް ކުޅުނު ބާބޫރާއޯ އަދި ސުނިލް ކުޅުނު ޝާމް އެވެ.

މި ފިލްމުގެ ވާހަކަ ނިންމުމުގެ މަސައްކަތް ކުރަމުން އަންނައިރު ވަރަށް އަވަހަށް މިފިލްމުގެ ޑައިރެކްޓަރަކީ ކާކުކަން އިއުލާނު ކުރާނެ އެވެ.

"ހީރާ ޕޭރީ" ގެ ފުރަތަމަ ބައި ޑައިރެކްޓުކޮށްފައިވަނީ ޕްރިޔާދަރްޝަން އެވެ. ދެވަނަ ބައި ޑައިރެކްޓުކޮށްފައިވަނީ ނީރަޖް ވޯރާ އެވެ.

ފިލްމުގެ ތިންވަނަ ބައިވެސް ޑައިރެކްޓުކުރަން ފަށާފައިވަނީ ނީރަޖް އެވެ. ނަމަވެސް ނީރަޖްގެ ބަލިހާލަތު ތަން ނުދިނުމުގެ ސަބަބުން 2014 ވަނަ އަހަރު ފެށި މަސައްކަތް އޮތީ ހުއްޓިފައެވެ. ބަލިހާލަތު ރަގަޅު ނުވެ ނީރަޖް ވަނީ 2017 ވަނަ އަހަރު މަރުވެފަ އެވެ.

'ހޭރާ ޕެރީ'ގެ ފުރަތަމަ ބައި ރިލީޒް ކުރީ 2000 ވަނަ އަހަރު އެވެ. އަދި ފިލްމުގެ ދެވަނަ ބައި 'ޕިރް ހޭރާ ޕެރީ' 2006 ވަނަ އަހަރު ނެރުނެވެ.