އިންޑިއާގެ ގިނަ ފަންނާނުން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް މިދުވަސްވަރު އެބަ އާދެ އެވެ. މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. އެގޮތުން މިހާރު ރާއްޖޭގައި އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ތެރެއިން ޗުއްޓީ ހޭދަކުރަމުން ދަނީ ކުރީގެ ރީތީގެ ރާނީ، ބޮލީވުޑުގެ ބަތަލާ ސުޝްމިތާ ސެން އާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީ އެވެ.
1994 ވަނަ އަހަރު ''މިސް ޔުނިވާސް'' ގެ ލަގަބް ހާސިލު ކުރި ސުޝްމިތާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ އެޑޮޕްޓްކުރި ދެ ދަރިން ކަމަށްވާ ރެނީ އާއި އަލީސާއާ އެކުގަ އެވެ.
ސުޝްމީތާ ވަނީ ޗުއްޓީގެ ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ. އެކަމަކު އެ މީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ޕޯސްޓްތަކުގައި ހާމަކޮށްފައެއް ނުވެ އެވެ.
ސުޝްމިތާ، 46، އަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ބަތަލާއެކެވެ. އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ އަހަރުތަކެއް ފަހުން އޭނާ އެންމެ ފަހުން ފެނިފައި ވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ވެބް ސީރީޒް "އާރިއާ" އިންނެވެ.
ސުޝްމީތާގެ އިތުރުން ލަވަކިޔުންތެރިޔާ 50 އަހަރުގެ އަދުނާން ސާމީ ވެސް އާއިލާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ކުޑަވިލިނގިލި ރިސޯޓުގަ އެވެ.
މި ދަތުރުގެ ފޮޓޯތައް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
އަދްނާން ރާއްޖެ އައުމަށް ފަހު ހިއްސާކުރި ފޮޓޯއިން ގިނަ މީހުންނަށް އޭނާ ފާހަގަކުރަން ވެސް ނޭނގުނެވެ.
މީގެ އަހަރުތަކެއް ކުރިން އޭނާ 155 ކިލޯ ހިއްކާލާފައިވާއިރު، އިވެންޓުތަކުން ފެންނަނީ މަދު ފަހަރަކު އެވެ. އޭނާ ހިއްސާކުރި ފޮޓޯތަކަށް ބައެއް މީހުން އެއީ ހަމަ އަސްލު ވެސް އޭނާތޯ ޔަގީން ކުރުމަށް ކޮމެންޓުކޮށްފައި ވާއިރު، މިހާރު ފާހަގަ ކުރަން ވެސް ނޭނގޭ ކަމަށް ވެސް ދަނީ ބުނަމުންނެވެ.
ދާދި ފަހުން ބޮލީވުޑުގެ ޑިރެކްޓަރު ފަރާވެސް ރާއްޖެ އައިސްފައިވެ އެވެ. އޭނާ ރާއްޖެ އައިސް ހިއްސާކުރި ފޮޓޯތަކުގައި ބުނީ އެންމެ ރަނގަޅު ދިރިއުޅުން އުޅެވޭނީ ރާއްޖޭގައި ކަމަށެވެ