ތަޖުރިބާ ނެތް ބޭފުޅުންނަށް ފަނޑިޔާރުކަން ދެނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭނުންވާ ގޮތަށް އެބޭފުޅުން ލައްވައި ހުކުމް ކުރުވަން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ސަފްއަތު ހަބީބު އައްޔަން ކުރީ އޭނާ އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ކޮއްކޮއަކަށް ވާތީ ކަމަށެވެ. އަދި އޭނާ އަކީ އެއްވެސް ކޯޓެއްގައި ދުވަހަކު ވަކާލާތު ކުރެއްވި ބޭފުޅެއް ނޫން ކަމަށް ވެސް ހައިލަމް ވިދާޅުވި އެވެ.

ޖޭއެސްސީން މިއަދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ އާ ދެ ދައުވާގެ ޝަރީއަތް ކުރައްވާ ގާޒީ އަހްމަދު ޝަލީލް އެ ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރައްވާފައެވެ.

މީގެކުރިން ގާޒީ ހައިލަމް ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދަވަނިކޮށް އޭނާ ސަސްޕެންޑުކޮށް، އެ ކޯޓުގެ ހިންގުން ހަވާލު ގާޒީ އަލީ ރަޝީދު ހުސައިނާ ހަވާލުކޮށްފައިވެ އެވެ. އަދި ދެން ރައީސް ޔާމީންގެ މައްސަލަ ބައްލަވައި ހުކުމް ކުރެއްވީ ގާޒީ އަލީ ރަޝީދު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުންނެވެ. އެއަށްފަހު އަލީ ރަޝީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައެވެ.