އަނގައިން ނުބައިވަސް ދުވުމަކީ އެކަމުގެ ސަބަބުން ތިމާއަށާއި އެހެން މީހުންނަށްވެސް އުނދަގޫތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. ސާފުތާހިރުކަންމަތީ އަނގަ ބެހެއްޓުމަށް މަސައްކަތް ކުރިކަމުގައިވިޔަސް، އަނގައިން ނުބައިވަސް ދުވަން މެދުވެރިވާ ބައެއް ސަބަބުތައް ހުރެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާނަމަވެ.

ވަކި ބޭހެއް ބޭނުން ކުރުން

ބައެއް ބަލިތަކާ ގުޅިގެން، ޑޮކްޓަރުން ދީފައި ހުންނަ ބޭސްތަކުގެ ސަބަބުން އަނގައިން ނުބައިވަސް ދުވަން މެދުވެރިވެ އެވެ. އެއީ ސީދާ ކޮން ބޭސްތަކެއްކަން، މި ލިޔުމުގައި އަލިއަޅުވާލާފައި ނުވިނަމަވެސް، ބޭސްތަކުގެ ލިޔުންތައް ކިޔައިގެން އެކަން ހޯދޭނެ އެވެ. ބޭހުގެ ސަބަބުން އަނގައިން ނުބައިވަސް ދުވަން މެދުވެރިވަނީ، އެބޭސްތަކުގެ ސަބަބުން އަނގަ ހިކޭތީ އެވެ.

އިންފެކްޝަންއެއް ހުރުން

ސާފުތާހިރުކަން ކުޑަވުން ފިޔަވައި، އަނގައިން ނުބައިވަސް ދުވަން މެދުވެރިވާ އެހެން ސަބަބަކީ ޖެހިފައިވާ އިންފެކްޝަން އެއްގެ ސަބަބުންނެވެ. އިންފެކްޝަންގެ ސަބަބުން އަނގައިގައި މައިކްރޯބްސް ހުންނަ މިންވަރު އިތުރުވެ އެވެ. އެހެންކަމުން، އަނގައިން ނުބައިވަސް ދުވާ މިންވަރުވެސް އިތުރުވެ އެވެ. ކަރުގައި ރިހުމާއި، އަރިދަފުސް ރޯގާގެ ސަބަބުން އަދި ސައިންސްގެ ސަބަބުން ކުރިމަތިވާ އިންފެކްޝަންގެ ސަބަބުންވެސް މިކަން ކުރިމަތިވެދާނެ އެވެ.

ކެއުމުގައި ބައެއް ބާވަތްތައް މަދުވުން

ބަރުދަން ލުއިކުރުމަށް، ވަކި ޑައިޓް ޕްލޭންތައް ހަދައިގެން އުޅޭ މީހުންގެ ކެއިންބުއިމުގައި، ކާބޯހައިޑްރޭޓްސް ލިބޭ ބާވަތްތައް މަދުވާނެ އެވެ. އެހެންނަމަވެސް، މި ބާވަތް މާ މަދުވެއްޖެ ކަމުގައިވާނަމަ އަނގައިން ނުބައިވަސް ދުވުމަށް މަގުފަހިވާ ކަމަށް ޞިއްޙީ މާހިރުން ބުނެ އެވެ. އެކަމުގެ ސަބަބުން އަނގައިން ނުބައިވަސް ދުވަނީ ކެޓޯންސް ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުންކަމަށްވެސް، އެފަރާތްތަކުން ބުނެ އެވެ.