މޮސްކޯ (07 ޖުލައި) - ރަޝިއާފަދަ ބާރުގަދަ ގައުމަކަށް ހުޅަނގުންނާއި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ މުޅި އިންސާނިއްޔަތަށް ވެސް ކުރިމަތި ކުރެވޭ ނުރައްކަލެއް ކަމަށް އެގައުމުން ބުނެފި އެވެ.

ރަޝިއާގެ ކުރީގެ ރައީސެއް ކަމަށްވާ ޑިމީޓްރޯ މެޑްވެޑޭވް ވިދާޅުވީ ރަޝިއާއަށް އަދަބު ދިނުމުގެ ގޮތުން ހުޅަނގުންނާއި އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ މުޅި ދުނިޔޭގެ އިންސާނީ ނަސްލު ނުރައްކަލަށް ހުށައެޅޭނެ ކަމެއް ކަމަށެވެ.

"ރަޝިއާފަދަ ނިއުކްލިއާ ބާރު ހުރި ގައުމަކަށް ހުޅަނގުން އަދަބު ދިނުމަކީ މުޅި އިންސާނިއްޔަތު ނުރައްކަލަށް ހުށައަޅޭނެ ކަމެއް" ޑިމީޓްރޯ ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށުމާއެކު ރަޝިއާއާއި ހުޅަނގާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމަކީ 1962 ވަނަ އަހަރު ދިމާވި ކިއުބާ މިސައިލް ހާދިސާއަށްފަހު އުފެދުނު އެންމެ ބޮޑު ނުތަނަވަސް ކަމެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މި ހަނގުރާމައާ ގުޅިގެން ރަޝިއާގެ ރައީސް ވްލަދިމީރް ޕުޓިންއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ތުހުމަތު ކުރައްވައި އެގައުމަށް އިގްތިސާދީ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ދުނިޔޭގެ ނިއުކްލިއާ ހަކަތައިގެ 90 ޕަސެންޓް ހިއްސާކުރަނީ އެމެރިކާއާއި ރަޝިއާއިން ކަމަށްވާއިރު މި ދެގައުމުގެ މެދުގައި ނުތަނަވަސްކަން އިތުރު ވުމަކީ ނިއުކްލިއާ ހަނގުރާމައެއްގެ ބިރު ބޮޑުވާނެ ކަމެކެވެ.