މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދެރަށެއްގައު ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ފުލުހުން ބުނީ މިއޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކ. މާފުށި އަދި ގއ. ވިލިނގިލީގައި ކަމަށެވެ. އަދި މި އޮޕަރޭޝަންތަކަކީ އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިމަހުގެ ނުވަ ވަނަ ދުވަހު މާފުށީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 71 ފުޅި ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.

މިބަނގުރާ ފުޅިތައް ފެނިފައިވަނީ އެރަށުގެ އެ ރަށުގެ ކެފޭއެއް ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ގއ. ވިލިނގިލީގައި މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ރަށު ހިއްކި ސަރަހައްދުގައި ހުރި ފަޅު ގެއެއް ބަލައިފާސްކުރިއިރު ހަ ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އޭގެ އިތުރުން، މާފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މި މަހު ހަތް ވަނަ ދުވަހު 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. މާފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 58 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެ އެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.