މާލޭ ސަރަހައްދުގެ މީހުން ދަތުރު ދިއުމަށް ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޑަބްލިޔުއެސްސީއން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ކުޑަގިރީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅި މިހާރު ވަޅުލާ ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ޕަންޕިން ސްޓޭޝަންތައް ގާއިމް ކުރުމާއި އާރްއޯ ބިލިޑިންގެ މަސައްކަތާއި ބޯހޯލް ތޮރުފުމުގެ މަސައްކަތް ކަމަށް އެ ކުފުނިން ބުންޏެވެ.
މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރުގެ ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް ދާނެ ތަނެއް ހަދަނީ މާލޭގެ މީހުންނަށް އާއިލާ އާއި ރައްޓެހިންނާ އެކު ދަތުރު ދާނެ ރަށެއް މި ސަރަހައްދުގައި ވެސް ނެތިގެންނެވެ.
މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކޮށްދޭން ވައުދުވި ކަމެކެވެ. ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަމުން އަންނައިރު އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 41 މިލިއަން ރުފިޔާއަށެވެ.
ޕިކްނިކް އައިލެންޑް ތަރައްގީކުރަނީ ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެތަނާ ކައިރީގައި ސޭންޑްބޭންކެއް ގޮތަށް 1.5 ހެކްޓަރުގެ ރަށެއް ހެދުމަށް ވެސް ރޭވި އެވެ.
ޕިކްނިކް ދާ މީހުން ފެންވެރޭނެ ގޮތް ހެދުމަށް އެތަނުގައި ފާހާނާ އާއި ކޮޓަރި ވެސް ހަދަމުން އަންނަ އިރު އެތަނުގައި މިސްކިތެއް ވެސް ވަނީ ހަދައިފަ އެވެ. ޒަމާނީ ފެންވަރަށް ތަރައްގީކުރާ އެ ރަށުގައި އާންމުންނަށް ކައްކައި ކެވޭނެ އިންތިޒާމުތައް ހުންނާނީ ހަމަޖައްސައިފަ އެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ކުރިއަށް އޮތް މިނިވަން ދުވަހަށް ހުޅުވުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ގެންދަނީ އެރަށުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.