މިދިޔަ އަހަރު ރ. މަޑުއްވަރީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ބާރުގަދަ ބައެއްގެ ނުފޫޒުން އޮއްބާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފެންމަތިވެއްޖެ އެވެ.

މަޑުއްވަރީ ސްކޫލްގައި ތައުލީމް ހާސިލުކުރަމުން ދިޔަ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އެ ސްކޫލްގެ ޓީޗަރެއް ކަމަށްވާ މުއީން ހަސަނަށެވެ. މިހާރު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ މާޗް، 3 ، 2021 ވަނަ ދުވަހުގެ ވަގުތެއްގައި އެ ކުއްޖާ އެރަށު ގެސްޓް ހައުސްއަކަށް ގެންގޮސް އިތުރު ބަޔަކާއެކު އެ ކުއްޖާއަށް ބިރުދައްކައި ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ.

އެކަށީގެންވާ ހެކި ނެތް ކަމަށް ނިންމައި ފުލުހުން އޮތީ އެ މައްސަލަ ފަލައިލްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ފައިލްކުރީ ބާރުގަދަ ބައެއްގެ ނުފޫޒުން އެ މައްސަލަ އޮއްބާލަން ކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް މިވަނީ ފެންމަތިވެފަ އެވެ.

އެގޮތުން މުއީން ހަސަން މަޑުއްވަރީގެ އެމްޑީޕީގެ ދެ އެކްޓިވިސްޓަކާ އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކާ ފޯން ކޯލް ރެކޯޑިންތަކެއް ވަނީ ލީކްވެފަ އެވެ. އޭގެތެރެއިން އެއް ރެކޯޑިންގައި އެޑަމް ނަމަކަށް ކިޔާ މީހަކާ މުއީން އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަ އެވެ. އެ ރެކޯޑިންގައި ސަރުކާރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު އެ މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ އިސްވެރިންތަކަކާ ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.

ދައުލަތުގެ ވަޒީރަކު އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ގުޅާފައިވާ ކަމަށް ވެސް އެ އޯޑިއޯގައި ބުނެއެވެ.

"ހުރިހާ"އާ ވާހަކަދައްކަމުން އެ ކުއްޖާގެ ބައްޕަ އިބްރާހީމް ރިޒާ ބުނީ އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލަ ސިޔާސީ ނުފޫޒުން އޮއްބާލާފައިވާކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ. އެގޮތުން އާއިލާއިން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލިއިރު، މައްސަލަ ފައިލްކުރީ ޝަރީއަތަށް ސާބިތުކުރެވޭވަރުގެ ހެކި ހުއްޓައިކަން އެނގިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިންސާފު ނުލިބެއްޏާ އަޅުގަނޑުމެން ވެސް މަޑަކުން ނުތިބޭނެ ދެއްތޯ. އަޅުގަނޑުމެން ވެސް އިންސާފު ހޯދަން މަސައްކަތް ކުރަންޖެހޭނެ ނޫންތޯ. އަޅުގަނޑުމެން މިކަން ހިނގި ގޮތް ބެލިބެލުމުން އެނގުނީ ޝަރީއަތަށް ސާބިތުކުރެވޭ ވަރުގެ ހެކި ހުއްޓައި މައްސަލަ ފައިލްކޮށް އޮއްބާލާފައިވާކަން،" އެ ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.