ސްމާޓް ފޯނަކީ މިއަދުގެ ދުނިޔޭގައި ޒަރޫރީ ބޭނުމަކަށް ވެފައިވާއިރު އެ ގެންގުުޅުމުގައި ރަނގަޅު އާދަތަކެއް ގެންގުޅެން ޖެހެ އެވެ. އެގޮތުން އޭގެ ސާފުތާހިރު ކަމަކީ އަމިއްލަ ސާފުތާހިރުކަމާއި ސިއްހަތާ ވެސް ގުޅިފައިވާ ކަމެކެވެ.
މޮބައިލް ފޯނުގެ ސާފުތާހިރުކަމާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާއެއްގެ ނަތީޖާ އަށް ބަލާ އިރު އަތުގައި ގެންގުޅޭ މޮބައިލް ފޯނުގައި ފާހާނާ ތަށްޓަށް ވުރެ ހަތް ގުނަ ޖަރާސީމު ގިނަ އެވެ.
އެ ދިރާސާގައި ބުނެފައިވަނީ އެންމެ ޖަރާސީމު ގިނަ ފޯނުތަކަކީ ލެދަރު ކަވަރު ލައްވައިގެން އުޅޭ ފޯނުތަކެވެ. އެފަދަ ފޯނުތަކުގެ ކަަވަރުގައި ތަފާތު އެކި ކަހަލަ ނުރައްކާތެރި ޖަރާސީމުތައް އަށަގަންނަލެއް ފަސޭހަވެފައި، އޭގެ ގެއްލުން ވެސް ބޮޑު ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
މޮބައިލްގެ މުޑުދާރުކަން ބޮޑުވާ މައިގަނޑު އެއް ސަބަބުގެ ތެރޭގައި ބައެއް މީހުން ފޯނާ އެކު، ފާހާނާ ކުރަން ވަދެ، ތަށިމަތީގައި ފޯނު ބޭނުން ކުރުން ހިމެނެ އެވެ.
ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިނުން 2011ގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މޮބައިލް ފޯނު ގެންގުޅޭ ކޮންމެ ހަ މީހަކުން އެކެއްގެ ފޯނަކީ ބޮޑުކަމުދާ ތަކެތީގެ ނަޖިހުގެ އަސަރު އެކުލެވޭ ފޯނުތަކެވެ.
އެގޮތުން އެފަދަ މީހުންގެ ފޯނުތަކުގައި ބޮޑުކަމުދާ ތަކެތީގައި ހިމެނޭ ނުރައްކާތެރި ބެކްޓީރިއެއް ކަމަށްވާ އީ-ކޮލީ މަތީ މިންވަރަކަށް އަށަގެންފައި ހުންނަ ކަމަށް ބުންޏެވެ. މީގެ ސަބަބުން ކާނާ ވިހަވުން ފަދަ މައްސަލަތައް ކުރިމަތި ކުރުވަ އެވެ.
އެހެން ކަމުން ފޯނު ގެންގުޅުމުގައި އޭގެ ސާފުތާހިރު ކަމަށް އިސްކަން ދިނުން ވަރަށް މުހިއްމެވެ.