ކ.ދިށްފުށީގައި ފުލުހަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެމައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ދިއްފުށްޓައް އީދު ޗުއްޓީއަަށް ދިޔަ އުމުރުން 35 އަހަރުގެ ފިރިހެނަކަށް ބަޔަކު ނިކުމެ އަނިޔާކުރަން އުޅުމުން، އެކަން ހުއްޓުވަން އެސަރަހައްދުގައި އުޅުނު ފުލުހަކަށް އަނިޔާ ކުރި މައްސަލައެއްގަ އެވެ.

އެރަށަށް އީދު ޗުއްޓީއަށް ގޮސް އުޅެނިކޮށް، ބަޔަކު ނިކުމެ ހަމަލާދީފައިވަނީ، އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމުގެ މައްސަލައަކާއި ގުޅިގެންނެވެ.

ނަމަވެސް މި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި މިހާދިސާގައި އަނިޔާވި ފުލުހަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެ އެވެ.