ކ. ދިއްފުށީގައި ހިނގި މާރާމާރީގައި މީހަކަށް އަނިޔާ ލިބެމުން ދަނިކޮށް އެމީހާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ފުލުހަކު، ފުލުހުންގެ ދައުރު އަދާކުރުމުގައި އިހުމާލުވީކަމަށް ތުހުމަތުކުރާތީ އެމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކ. އަތޮޅުގެ ރަށެއްގައި ހިނގި ހަމަނުޖެހުމެއްގައި ފުލުހަކު އަޚްލާގީ މިންގަނޑުން ބޭރުން އަމަލުތައް ބަހައްޓާފައިވާ ކަމަށް އެ ހަމަނުޖެހުމުގައި އަނިޔާ ލިބުނު މީހާ ތުހުމަތު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް އިން ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދިއްފުށީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް މީހަކު ހިފަހައްޓައި ބަޔަކު އެމީހާއަށް ހަމަލާދީ އަނިޔާ ކުރިއިރު، ފުލުހުން އެކަން ހުއްޓުވުމުގައި ހަރަކާތްތެރިވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ 18:30 ހާއިރު ހިނގި އެ ހާދިސާގައި ފުލުހަކަށް ވެސް އަނިޔާވި އެވެ.

އެ މައްސަލައާ ގުޅިގެން މުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރާ މައްސަލައާއި، ފުލުހުންނަށާއި ތުހުމަތު ކުރެވުނު މީހާއަށް އަނިޔާކުރި މައްސަލަ ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.