އެންމެކުޑަ އުޖޫރަ ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، އަންނަ އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ. އެ ބިލު އިޖުތިމާއީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 55 މެމްބަރުންގެ ވޯޓާއެކު އެވެ.

އެ ބިލު ސަރުކާރުން ހުށަހެޅި އިރު ހަތް ސިނާއަތަކަށް ވަކިވަކިން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅަން ހިމަނާފައިވީ ނަމަވެސް މިހާރު ވަނީ ނުވަ ސިނާއަތަކަށް އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްވެރިކަމާއި ދަނޑުވެރި ކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ދާއިރާ، ތައުލީމީ ސިނާއަތް، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތް ވެސް ހިމަނައިފަ އެވެ..

އެ އިސްލާހުގައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައަޅަން އަމުރު ނެރެން ޖެހެނީ ވޭޖް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރެވެ. އެ ބިލުގެ ދަށުން ނެރޭ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރަން ވާނެ ކަމަށް އީސަ ހުށަހަޅުއްވި ބިލުގައި ބުނެފައިވެ އެވެ.

އެ ގާނޫނުގެ ދަށުން ހަދާ ވޭޖް ބޯޑު އެކުލެވިގެން ވަނީ 11 މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ ޗެއާޕާސަންއަކަށް ވާނީ އިކޮނޮމިކް މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. އޭގެ އިތުރުން ފިނޭންސް މިނިސްޓަރު ހުށަހަޅާ ފަރާތަކާއި ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރަކާއި މަސައްކަތްތެރީން ތަމްސީލުކުރާ ފަސް މެމްބަރެއް އެ ބޯޑުގައި ހިމެނޭނެ އެވެ.

އެ އިސްލާހުގައިވާ ގޮތުން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅަން ލަފާދޭނީ ވޭޖް ބޯޑުން އެވެ. އަދި އެ ލަފާދޭތާ 30 ދުވަހުގެ ތެރޭގައި މިނިމަމްވޭޖް ކަނޑައަޅައި މިނިސްޓަރު އަމުރެއް ނެރެން ވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފަ އެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކާއި އިގްތިސާދީ ކަންކަމަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

މިއަދު ފާސްކުރި ބިލުމުގައި ބުނެފައި ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ނެރޭ އަމުރުގައި މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރާއި މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި އިތުރުގަޑީގައި ލިބޭ މިންވަރު ކަނޑައަޅަން ވާނެ ކަމަށެވެ.

މިހާރު އަމަލުކުރަމުން އަންނަ ވަޒީފާއާ ބެހޭ ގާނޫނުގައި ވެސް އެންމެ ކުޑަ އުޖޫރަ ދޭންވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް ދާއިރާއަކަށް މިނިމަމް ވޭޖެއް ކަނޑައަޅައިފައެއް ނުވެ އެވެ.