ސ. ހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓާލުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެންގީ ގަވާއިދާ ހިލާފަށް ކުރި މަސައްކަތެއް ސާފުކޮށް ނުދީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަސައްކަތް ހުއްޓާލުމަށް އީޕީއޭއިން އެންގީ އެމަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ބެލުމަށް ތައްޔާރު ކުރި ރިޕޯޓާއި ހިލާފަށް މަސައްކަތް ކުރިއަށްގެންދާ ކަމަށް ބުނެ އެވެ. އެގޮތުން މަސައްކަތުގެ ތެރެއިން ހުއްޓުވާފައިވަނީ ކޮނުމުގެ މަސައްކަތާއި، ބިން ހިިއްކުމުގެ މަސައްކަތެވެ.
މިމަސައްކަތް ހުއްޓުވާފައިވާއިރު، ހުޅުދޫ ބަނދަރު ތަރައްޤީކުރަނީ ކުރީގެ ބަނދަރު ބޭރުން ބައެއް ހިއްކައިގެންނެވެ. އެގޮތުން ކުރީގެ ބަނދަރަށް އެއްކޮށް ވެލި އަޅައިފައިވާއިރު ހުޅުދޫ ބަނދަރުގެ 88 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވެ އެވެ.
ހުޅުދޫ ބަނދަރުގެ އިތުރުން ހުޅުމީދޫ މިފްކޯ ބަނދަރު ފުން ކުރުމުގެ މަސައްކަތް ވެސް އެމްޓީސީން ކުރަމުން އެބަގެންދެ އެވެ. އެ މަސައްކަތް ވެސް އީޕީއޭއިން ވަނީ ހުއްޓުވާފަ އެވެ.
ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އެ މަސައްކަތް ހުއްޓުމަށް އީޕީއޭއިން އެންގުމުން އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް މިމަޝްރޫއުތަކަކީ އީއައިއޭ ފުރިހަމަ ކުރެވި، ހުއްދަ ލިބިގެން އީއައިއޭއާއި އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަކުރަމް ވިދާޅުވީ އެ މަސައްކަތް ހުއްޓާލަން އެންގި ސަބަބު ސާފުކުރުމަށް މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސ. ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 88،000 ކިއުބިކްމީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ހުޅުދޫ މެދު ބަނދަރުގެ މަސައްކަތުގެ ދަށުން، އެ ބަނދަރުން 1،788 ކިއުބިކް މީޓަރުގެ ބިން ހިއްކާ 97 މީޓަރުގެ ބަނދު ތޮއްޓެއްލުމަށް ވަނީ ހަމަޖެހިފަ އެވެ.