އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން އުފުލި 32 ދައުވާއަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި އިއުތިރާފުވެއްޖެ އެވެ.

ޒިޔަތު މިއަދު އެ ދައުވާތަކަށް އިއުތިރާފްވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އޭނާ ހެދި އިއުތިރާފް އެއްބަސްވުމުގެ ދަށުންނެވެ.

ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އަމިއްލަ ކުންފުންޏެއް ކަމުގައިވާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ.

ޒިޔަތު ވިދާޅުވީ ހުރިހާ ދައުވާތަކަކަށް ވެސް އިއުތިރާފުވީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.

އެމްއެމްޕީއާރްސީއަށް ލިބުނު ޗެކްތައް ހަވާލުކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވި ފަރާތްތަކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗެކްތަކާ ހަވާލުވިޔަސް އެއިން އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައިނުވާ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތުގެ އިއުތިރާފާއެކު އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާ ސާބިތުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނީ ޒިޔަތަށް ޖުމްލަ އަދަބެއްގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

މިހާރު ވެސް ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.