ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންނަ ބުރާސްފަތި ދުވަހު ލ. ގަމަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ލ. ގަމު ކައުންސިލުން ބުނިގޮތުގައި ރައީސް ސޯލިހް އެރަށަށް ވަޑައިގަންނަވަނީ ގަމުގެ ކަރަންޓު ވިއުގަ އެއް ވިއުގައަކުން ގުޅާލަ ދެއްވެއްވުން ފައްޓަވައި ދެއްވުމަށާއި ގަމު ރީޖިނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި ގަމު ސްޓޭޑިއަމް ހުޅުއްޅުއްވައި ދެއްވުމަށް ކަމަށެވެ.

ރައިސް ސޯލިހް ގަމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގަ އެވެ.

އެ ކަންކަމާ ގުޅޭގޮތުން ބާއްވާ ރަސްމިއްޔާތު އޮންނާނީ މަތިމަރަދޫ ބޮޑުމަގު ހުޅަނގު ކޮޅުގައި އޮންނަ ޒޯން ސްޓޭޑިއަމްގައި ކަމަށް ވެސް ގަމު ކައުންސިލުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ސްކޫލް ކުދިން ބައިވެރިކޮށްދެއްވުން އެދި ގަމު ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް ސޮއިކުރައްވައި ހަމަދު ބިން ޚަލީފާ އަލް ސާނީ ސްކޫލަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

މިއީ ކޮވިޑްގެ ބަލިމަޑުކަން ފެތުރުނުފަހުން ރައީސް ސޯލިހް ރާއްޖޭގެ ރަށަކަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ދާދިފަހުން އެމަނިކުފާނު ވަނީ ހއ. ހޯރަފުށީ އެއާޕޯޓް ހުޅުއްވައި ދެއްވުމަށް އެރަށަށް ވެސް ވަޑައިގެންފަ އެވެ.