ކަރަންޓުގެ އަގު ހިފެހެއްޓުމަށް ޔޫޓިލިޓީ ކުންފުނިތަކަށްދޭ ސަބްސިޑީ އިސްލާހުކޮށް، އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ތެލުގެ ސަބްސިޑީ ދޭން ނިންމަވާފައި ވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނުކުރައްވައިފި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތާބުގައި ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު، އިންތިހާއަށް އުފުލިއްޖެކަމަށާއި ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ކުރާވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރާކަމަށެވެ. އަދި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވިވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަކަމަށާއި އެއީ އޭގެ ހަގީގީ ބުރަ ސަރުކާރުން އުފުލަމުންދާތީކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނާޒުކު ދަނޑިވަޅު ރާއްޖޭގެ އިގްތިސާދުގެ ހަމަ ހިފެހެއްޓުމަށް، އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމުކަމަށެވެ. އަދި ރައްޔިތުންނަށް ލިބިދެވޭ ހިދުމަތްތަކަށް އަރާ ބުރުލާއި، އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށާއި ސަރުކާރުން ދަނީ އެ މަސައްކަތް ކުރަމުންކަމަށް ރައީސް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ކަމަކީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުން. މިގޮތުން، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް، ރިކަރަންޓް ހަރަދުތައް ކުރާ މިންވަރު، މަހުން މަހަށް މި އަންނަނީ ހިފަހައްޓަމުން. ސީދާ ބަޖެޓުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް، ފެށުން މިވަގުތަށް ވަނީ މަޑުޖައްސާލާފައި. ހަމައެއާއެކު، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި، ސިޔާސަތުތަކަށް ބަދަލު އެބަ ގެންނަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތެލުގެ ސަބްސިޑީއަށް، ބަޖެޓްގައި އަންދާޒާކުރި އަދަދު އެތައް ގުނައަކުން މަތިވެއްޖެކަމަށެވެ. އެގޮތުން ތެލުގެ ސަބްސިޑީގެ ގޮތުގައި 341 މިލިއަން ބަޖެޓްކޮށްފައިވާއިރު، މިހާރު އެ އަދަދު 900 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ނިޔަލަށް މިޙާލަތުގައި ދާނަމަ، ޖުމްލަ 1.95 ބިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެ ކަމަކަށް ފުރަތަމަ ކަމަކަށް، ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީ. މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުސޫލު އިސްލާހު ކުރަންޖެހޭ. ތެލުން ސަބްސިޑީދޭ އަނެއް ދާއިރާއަކީ، މަސްވެރިންނަށް ބޭނުންވާ ތެޔޮ. ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ހާލަތަކަށް، ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް. މިއީ މި ޙާލަތާ ގުޅޭގޮތަށް އިގްތިސާދީ ސިޔާސަތަށް ބަދަލު ގެންނަންޖެހޭ ވަގުތު" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް، ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމުކަމަށެވެ. އަދި އެ ބަދަލު ތަފްސީލުކޮށް، ތަންޒީމުކޮށް، ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި ފިޔަވަޅުތަކަކީ ދުޅަހެޔޮ އިގްތިސާދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލުވުމަށް، މިވަގުތު ކޮންމެހެން އުފުލަންޖެހޭ ބުރައެއްކަމަށެވެ.