މަޝްހޫރު ވޯގް މެގަޒިންގެ ހާއްސަ ޑިޖިޓަލް އެޑިޝަން އެއްގެ ކަވާގައި ޔޫކްރެއިންގެ ފަސްޓް ލޭޑީ އޮލެނާ ޒެލެންސްކާ ފެނިގެން ގޮސްފި އެވެ.
އޮލެނާ ވަނީ ވޯގްގެ މި ހާއްސަ އަދަދުގައި ޔޫކްރެއިންގެ އޮލެނާ ވަނީ އޭނާއާއި ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ކައިވެނިފުޅާއި މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި އޭނާގެ ދައުރާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން އޮލެނާ ވިދާޅުވީ މި ދުވަސްކޮޅު އެ ދެކަނބަލުންގެ ދަރިން ކައިރީގައި ނެތްނަމަ ވާނެ ގޮތް ހިތަށް ގެންނަން ވެސް އުނދަގޫ ވާކަމަށެވެ. އޮލެނާއާއި ޒެލެންސްކީއަށް ދެކުދިން ލިބިފައިވެ އެވެ.
މީގެ އިތުރުން އޮލެނާ ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ފިރިކަލުން ޒެލެންސްކީ އެ ދެކަނބަލުންގެ ދަރިންނާ ބައްދަލު ނުކުރައްވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ވެސް ހާމަކޮށްފަ އެވެ.
"މިއީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުނދަގޫ ދުވަސްވަރު. މިއީ އެއްވެސް މީހަކު އުއްމީދުކުރި ދުވަހެއް ނޫން،" ތަރުޖަމާނެއްގެ އެހީގައި އޮލެނާ ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.
ވޯގްގެ ކަވާއަށް އޮލެނާ ނެގި ފޮޓޯތަކުގައި އޭނާ ހުރީ ކަޅު އަދި މަޑު ކްރީމް ކުލައެއްގެ ކޯޓު ފަޓްލޫން ހެދުމެއްގަ އެވެ. އޮލެނާއާ ބެހޭ ގޮތުން އެ މެގަޒިންގައި ލިޔެފައިވާ ޕްރޮފައިލްގައި އޮލެނާއާއި ފިރިކަލުން ޒެލެންސްކީގެ ފޮޓޯތަކެއް ވެސް ހިމަނާފައިވެ އެވެ.
ޒެލެންސްކީ ރައީސްކަމަށް ވާދަ ކުރައްވަން ފުރަތަމަ ނުގަބޫލުވި ކަމަށް ބުނަމުން އޮލެނާ ވިދާޅުވީ ޒެލެންސްކީ ރައީސް ކަމަށް އިންތިހާބު ވުމުން ދިރިއުޅުމަށް އައި ބަދަލު ތަކަށް ހޭނެން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.
މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި އަމަލީ ގޮތުން ޒެލެންސްކީ ހަރަކާތްތެރި ވަމުން އަންނައިރު އޮލެނާއަކީ ޒެލެންސްކީގެ އެންމެ "ވަރުގަދަ ސަޕޯޓް ސިސްޓަމް"ގެ ގޮތުގައި ވޯގްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.