ހިޖުރައިގެ ޒިކުރާ އައުކުރާއިރު އެންމެ ފުރަތަމަ އަޒުމަކަށް ހަދަންވީ އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމް ދީނުގެ މަތިވެރި އަގީދާއަށް ގުޑުމެއް އެރިޔަ ނުދިނުމަށާއި، އިސްލާމީ ރިވެތި އަހްލާގާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ.
ހިޖުރައިގެ ހާދިސާގެ މައްޗަށް ބައްލަވާލައްވައި ރައީސްގެ ހިތޯބުގައި ވިދާޅުވީ ހިޖުރައިގެ ވަސްމީރު ޒިކުރާއާ ގުޅިފައިވާ ސަނަތެއްގެ ފެށުން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދެނީ މި އުންމަތުގެ މާތް ނަބިއްޔާގެ ނަބަވީ ހިޖުރައިން އިންސާނީ ތާރީހަށް ގެނުވި އިންގިލާބީ ބަދަލުތައް ކަމަށާއި، ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ސަބަބުން އިންސާނީ ހަޔާތް އާރާސްތުވެގެން ދިޔަ ގޮތާއި، އިސްލާމީ ހިދާޔަތުން އިންސާނީ ހަޔާތް އުޖާލާވެގެން ދިޔަ ގޮތް ކަމަށެވެ. މިފަދަ ޒިކުރާތައް އާކުރާއިރު، އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ ހިޖުރައިގެ މަތިވެރި ޒިކުރާއިން ލިބިދޭ އިބްރަތްތެރި ފިލާވަޅުތަކުން އަޅުގަނޑުމެންގެ ހަޔާތުގެ އާބާތުރަ ފިލުވުން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހިޖުރައިގެ މަތިވެރި ދަތުރުފުޅާ ވިދިގެން އުފަންވި އިސްލާމީ އުންމަތް، އޭރު ދުނިޔޭގައި އޮތް އެހެން އުންމަތްތަކުގެ މައްޗަށް ކުރި ހޯދި ގޮތަކީ ދައުލަތެއް ކުރިއަރައި ދިއުމަށް ބޭނުންވާނެ އެންމެހާ ސިފަތަކާއި ނަމޫނާތައް ދައްކައިދޭ ވަރަށް އަގުހުރި މިސާލުތަކެއް ކަމަށެވެ. އަދި އެއީ އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް، ހަމަ ކޮންމެ ބަޔަކުވެސް ނަމޫނާއަކަށް ބަލަންވީ ފުރިހަމަ މިސާލުތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއްގައި ވިޔަސް ތަހުޒީބާއި ތަމައްދުންގެ މައިދާނުގައި ކުރިއަރައިދާން އެދޭ ބަޔަކަށް ފެންނާނެ އެންމެ ރީތި މިސާލުތައް، އިސްލާމީ އުންމަތް އުފެދި ކުރިއަރައިގެން އައި ގޮތުގައި އެކުލެވިފައިވާ ކަމަށެވެ.
ނަބަވީ ހިޖުރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ މިފަދަ ޒިކުރާއެއް އާކުރާއިރު، އެންމެ ފުރަތަމަ އަޒުމަކަށް ހަދަންވީ އަގީދާއަށް ގުޑުމެއް އެރިޔަ ނުދިނުމަށާއި، އިސްލާމީ ރިވެތި އަގްލާގާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށް ކަމުގައިވެސް ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ސޯލިހް ވަނީ ދިވެހިންގެ މެދުގައި މިއޮތް އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، މުޖުތަމައުގެ ސުލްހައާއި ހަމަޖެހުމަށް މަސައްކަތްކުރެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.