ރާއްޖެއަށް ތަރުކާރީ އާއި މޭވާ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ހަނީ ކޯނަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ލަސްކުރާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
ހަނީ ކޯނަރއިން މުސާރަ ދިނުން ލަސްކުރާ މައްސަލަ ފެންމަތި ކޮށްފައިވަނީ އެތަނުގައި މަސައްކަތް ކުރި ފަރާތްތަކުނެވެ.
އިބާ ރަޝީދު ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ހަނީ ކޯނަރުގައި މަސައްކަތް ކުރާތާ ހަ މަސްވެފައިވާ ކަމަށެވެ. އެ ހަ މަސްތެރޭގައި އެއްވެސް މަހެއްގައި ވަގުތަށް މުސާރަ ނުދޭ ކަމަށާއި ވަޒީފާ އެއްބަސްވުމުގައި އޮންނަ ގޮތަށް އެތަނުން އަމަލު ކުރަމުން ނުދާ ކަމަށް އިބާ ވަނީ ބުނެފަ އެވެ.
އިބާ ބުނި ގޮތުގައި ހަނީ ކޯނާރުން މުސާރަ ދެނީ ކޮންމެ ފަހަރަކުވެސް އެތަނުގައި މަސައްކަތްކުރާ މުވައައްޒަފުން އާދޭސް ކުރުމުން ކަމަށެވެ. އަދި ރޯދަ އިނާޔަތް ވެސް ދީފައިވަނީ ރޯދަ މަސް ނިމުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
"ކޮންމެ މަހަކު އެމީހުން މުސާރަ ދެނީ މަހުގެ 15 ވަނަ ދުވަހުގެ ފަހުން، އަޅުގަނޑުގެ މޭ މަހުގެ މުސާރަވެސް އަޅުގަނޑަށް ލިބުނީ ޖޫން މަހުގެ 21 ވަނަ ދުވަހު. ތަކުރާރުކޮށް އެދުމަށްފަހު. އެކަމަކު ކޮންޓްރެކްޓްގައި އެމީހުން ފާހަގަކޮށްފައިވާ ގޮތުގައި މުސާރަ ދޭނީ ކޮންމެ މަހެއްގެ 1 ވަނަ ދުވަހުން 10 ވަނަ ދުވަހާ ދެމެދު. އަޅުގަނޑަށް އަދިވެސް ޖޫން މަހުގެ މުސާރަ ނުލިބޭ،" އިބާ ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެ އެވެ.
މުސާރަ ދިނުން ލަސްވުމާ ގުޅިގެން ކުރަންޖެހޭ އެހެން ކަންތައްތައް ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ވެސް އިބާ ބުންޏެވެ. ބިލުތައް ދެއްކުމާއި ކުލި ދެއްކުމާއި ކޮލެޖު ފީ ދެއްކުމަށް ދަތިތަކެއް ކުރިމަތިވިކަން އިބާ ވަނީ ފާހަގަ ކޮށްފަ އެވެ.
"މި ސަބަބަށްޓަކައި މުވައްޒަފުން އެތަނުގައި ދެމިއެއް ނުހުރޭ. ހަމައެކަނި އަޅުގަނޑެއް ނޫން އެތަނުގައި މަސައްކަތް ކުރި އެހެން މުވައްޒަފުންވެސް އެބަތިބި މުސާރަ ނުލިބޭތާ ދެމަސް ވެއްޖެ. އަޅުގަނޑުމެން އެތަނުގައި މަސައްކަތް ކުރަނީ ހިލޭސާބަހަށް ނޫން، މުސާރަ ލަސްކުރަމުން ގެންދާނަމަ ކުއްޔާއި އެހެނިހެން ހަރަދުތައް ބެލެހެއްޓުމަކީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމެއް." އިބާ ބުންޏެވެ.
އިބާގެ މިޕޯސްޓާއެކު އެތަނުގެ ވެރިޔަކަށް ކޮށްފައިވާ މެސެޖުތަކެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.
މިކަމާ ގުޅިގެން އެތަނުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ގައްޔޫމަކީ މަކަރާއި ހީލަތުން ދުނިޔޭގައި އުޅެވިދާނެކަމަށް އުޅޭ މީހަކެވެ. މީނައާއި މީނަގެ އާއިލާ މުޅިންވެސް ހިފަހައްޓަނީ ދޮގާއި މަކަރުންނެވެ. އެތަށް ބަޔަކަށް ފައިސާދޭންޖެހި މުޅިން ދޮގާއި މަކަރުން އެބަހިފަހައްޓައެވެ. އަސްލުގައި އެއީ ބަނގުރޫޓުވެ، ހަލާކުވެފައިވާ ވިޔަފާރިއެނެވެ.