ކޮލަމްބޯ ( އޯގަސްޓް 1) މި ވަގުތަކީ ސްރީލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ ގައުމަށް އަނބުރާ ވަޑައިގަންނަވަން ރަނގަޅު ވަގުތެއް ނޫން ކަމަށް އަލަށް އިންތިހާބުވި ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުއެއްގައި ރަނިލް އިތުރަށް ވިދާޅުވީ ގޯޓާބޭ މި ވަގުތު ސްރީ ލަންކާއަށް އެނބުރި ވަޑައިގެންފި ނަމަ ގައުމުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެ ދާޚިލީ މަޝްރަހު އިތުރަށް ގޯސްވެގެން ދާނެ ކަމަށެވެ.

"މިއީ ރާޖަޕަކްސަ އެނބުރި އަންނަންވީ ވަގުތު ކަމަކަށް ނުދެކެން" ރަނިލް ވިދާޅުވި އެވެ.

ރަނިލް މިހެން ވިދާޅުވެފައި މިވަނީ ގައުމު ދޫކޮށް ފިއްލަވައިގެން އުޅުއްވާ ގޯޓާބޭ އެނބުރި ސްރީ ލަންކާއަށް ވަޑައިގަންނަވަން އުޅުއްވާކަމުގެ ރިޕޯޓުތައް މީޑިއާގައި ދައުރު ވަމުންދާ ދަނޑިވަޅެއްގަ އެވެ.

ސްރީލަންކާގެ އިގްތިސާދީ ހާލަތުގެ ސަބަބުން އާއްމުންނާއި އިދިކޮޅުގެ ފަރާތުން ގޮޓަބަޔައަށް ކުރިމަތި ވަމުން ދިޔަ ފިއްތުންތަކާ އެކު އޭނާ ވަނީ ގައުމު ދޫކުރައްވައި ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

އޭގެ ފަހުން ދެ ހަފްތާވެފައިވާއިރު ގޯޓާބޭ އަށް ވަނީ އިތުރު ދެ ހަފްތާއަށް ސިންގަޕޫރުގެ ވިސާ އާ ކޮށްދީފަ އެވެ.

މިވީ ދުވަސްތަކުގައި ރަސްމީ ބޭނުންތަކުގައި ރަނިލް އާއި ގޯޓާބޭއާ ދެމެދު މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވެސް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކާ އެކު މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް އެދެވޭ ނަތީޖާއެއް ފެންނަން ގިނަ މަސްތަކެއް ނަގާނެ ކަމަށް ރަނިލް ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ