ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެ ފެންވަރު މަތި ކުރުމަށްޓަކައި މިއަހަރު ތެރޭގައި ޓީޗަރުންނަށް ލައިސެންސް ދޫކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި މިނިސްޓަރު ޑރ. އާއިސަތު އަލީ ވިދާޅުވީ ތައުލީމީ އާ ގާނޫނަށް އަމަލުކުރަން ފެށިތާ އަހަރެއް ފުރެން ގާތްވެފައިވާއިރު، އެ ގާނޫނާ ގުޅިގެން ހަދަންޖެހޭ ހުރިހާ ގަވާއިދެއް މިހާރު ހަދާ ނިމިފައިވާ ކަމަށެވެ. އަދި މި އަހަރު އެ ގަވާއިދުތައް ތަންފީޒުކުރަން ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން އެގާނޫނުގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ޓީޗަރުންނަށް ވަކި ލައިސެންސެއް ދޫކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ގައުމު ބިނާކުރުމުގައި ތިޔަ މުދައްރިސުން އަދާ ކުރައްވާ ދައުރު ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަނޭ. މިކަން ރަމްޒުކޮށްދޭ އެއްކަމަކީ މި ދިޔަ މޭމަހުން ފެށިގެން ތިޔަ ބޭފުޅުންގެ މުސާރައަށް އިއްޒަތްތެރި ރައީސް ގެނެސްދެއްވި ބޮޑު ކުރިއެރުން،" މިނިސްޓަރު ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ނިޒާމަށް އިތުރު ބަދަލުތަކެއް ގެނައުމަށް ނިންމައި "ތައުލީމާބެހޭ ގާނޫނު"ގައި ޓީޗަރުކަން ކުރުމަށް ހާއްސަ ލައިސަންސެއް ދޫކުރަން ޖެހޭ ގޮތަށް ވަނީ ހިމަނާފަ އެވެ. އެކަމާ ގުޅިގެން އުފައްދަން ޖެހޭ "ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" މިދިޔަ އަހަރުވަނީ އެކުލަވާލައިފަ އެވެ.
ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓްރީ ކުރުމަކާނުލައި އެއްވެސް ސްކޫލެއްގައި އަދި އެނޫންވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި ކިޔަވައިދިނުމުގެ މަސައްކަތެއް ނުކުރެވޭނެ އެވެ. މީގެއިތުރުން ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.