ކިއޭވް (09 އޮގަސްޓް) މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާ އިން ޔޫކްރެއިންގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓަށް ހަމަލާ ދިނުމާ އެކު ނިއުކްލިއާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެކންސްކީ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައި ވަނީ ރޭގެ ވަގުތެއްގައި ގައުމާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ. އެއާއެކު އޭނާ ވަނީ މި ޕްލާންޓްގައި އެފަދަ ކާރިސާއެއް ހިނގައިފި ނަމަ އޭގެ އަސަރު އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ.

"ޗެރްނޮބީލް ޕަވާ ސްޓޭޝަންގައި ހިނގި ނިއުކްލިއާ ކާރިސާއަކީ އެންމެ ރިއެކްޓަރެއް ގޮވައިގެން ހިނގި ކާރިސާއެއް. މި ޕަވާ ޕްލާންޓްގައި ހަ ރިއެކްޓަރު އެބަހުރި" ޒެލެންސްކީ ވިދާޅުވި އެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރު ޗެރްނޮބީލް ނިއުކްލިއާ ޕަވާ ސްޓޭޝަންގައި ހިނގި ނިއުކްލިއާ ކާރިސާއަކީ މިހާތަނަށް ދުނިޔޭގެ ތާރީހުގައި ހިނގި އެފަދަ އެންމެ ނުރައްކާތެރި ކާރިސާ އެވެ.

ހަނގުރާމައިގައި ދިން ހަމަލާތަކެއް އިރުދެކުނު ޔޫކްރެއިންގައި ހުންނަ ޒެޕޮރިޒްޒިއާ ޕަވާ ޕްލާންޓަށް އަމާޒުވެފައިވާއިރު ރަޝިއާ އިންނާއި ޔޫކްރެއިންއިން ވެސް އަންނަނީ އެ ހަމަލާތަކުގެ ތުހުމަތު އެއްގައުމު އަނެއް ގައުމަށް ކުރަމުންނެވެ.

ޒެލެންސްކީ ވަނީ އޭނާގެ ވާހަކަފުޅުގައި ރަޝިއާ އަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން މުޅި ދުނިޔެއަށް ގޮވާލައިފަ އެވެ.

"ޓެރަރިސްޓް ދައުލަތް ހުއްޓުވަން އެ ގައުމާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަަވަޅުތައް އަޅަން ޖެހޭ" ޒެލެންސްކީ ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ