ބަންގްލަދޭޝްއިން ރާއްޖެ އައިސް މަސައްކަތް އުޅުނު އެމްޑީ އަލަމްގީރުއާއެކު އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި އެވެ.

އެގޮތުން ދައުވާކުރަން ފޮނުވާފައި ވަނީ މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމު އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަޑް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން ދިޔަ އަބްދުއްރަހުމާން ރަފީގުގެ މައްޗަށެވެ.

މި ތިން މީހުންގެ މައްސަލަ ތަހުގީގުކޮށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާ ކަން އެ އޮފީހުން ޔަގީންކޮށްދެ އެވެ. ދައުވާކުރަން އެދިފައި ވަނީ ގާނޫނުލް އުގޫބާތާއި ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.

ޖިންސީ ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭއިރު ގާނޫނުލް އުގޫބާތުގެ ދަށުން ވެސް ޖަލު ހުކުމެއް އިއްވާނެ އެވެ.

ބައެއް މީޑިއާތަކަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެފައި ވަނީ އަލާމްގީރުއާ އެކު އެއްޖިންސުން ގުޅުން ހިންގާފައިވާ 38 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެމީހުންގެ މައްސަލަތައް ތަހުގީގު ކުރެވޭ ވަރަކުން ދައުވާ ކުރަން ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން ތަހުގީގަށް އެއީ ކޮން ބައެއް ކަން ޔަގީންކުރެވޭ 18 މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން އިއްޔެ ހާމަކޮށްފައިވެ އެވެ.

އަަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުން ދެނެގަނެވޭ ވަރަކުން ފުލުހުން ގެންދަނީ އެމީހުން މަސައްކަތް ކުރާ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރަމުންނެވެ. އެގޮތަށް ފުލުހުން ހިއްސާ ކުރާ މައުލޫމާތަށް ބުރަވެ އިދާރާތަކުން މިހާރު ވަނީ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށް އަދި ބައެއް މީހުން ވަޒީފާތަކުން ވެސް ވަކިކޮށްފަ އެވެ.