ހުރިހާ ދިވެހިންނަށް ވާ ވަރަށް ސަރުކާރުން ކޮވިޑް-19ގެ ވެކްސިން ހޯދާނެ ކަމަށާއި ރާއްޖެއިން މަސައްކަތްކުރަނީ މޮޑާނާ އާއި އެސްޓްރާޒެނެކާ އިން އުފެއްދި ވެކްސިން ގެންނަން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު "ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ މާހައުލުގައި ގެންގުޅެން އެންމެ ފަސޭހަ ވާނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިނާއި އެމެރިކާގެ މޮޑާނާއިން އުފެއްދި ވެކްސިން ކަމަށެވެ.

"ފައިނަލް ޓްރަޔަލްގައި އެބަ އުޅޭ 11 ވެކްސިނެއް. އޭގެ ތެރެއިން އެންމެ ރަނގަޅަށް އެފިކޭޝަސްކޮށް ހުރީ ތިން ވެކްސިނެއް. އެގޮތުން ފައިޒާއިން އުފެއްދި ވެކްސިން ގެންގުޅެން މިޖެހެނީ މައިނަސް 70 ޑިގްރީގައި. އެހެންވީމަ އެ ވެކްސިން ރައްކާކުރަން ކޯލްޑް ސްޓޯރޭޖް އިޝޫ އުޅޭނެ،" ޑރ. ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަސްޓްރާޒެނެކާގެ ވެކްސިންއަކީ އެންމެ 2-8 ޑިގްރީގައި ބެހެއްޓޭ އެއްޗެއް ކަމަށާއި އެހެންކަމުން ސްޓޯކުރަން ފަސޭހަ، އަދި އެފިކަސީ ރޭޓް ވެސް ރަނގަޅު ދެ ވެކްސިން ކަމަށް މިހާތަނަށް ފެނިފައި ވަނީ އަސްޓްރާޒެނެކާ އާއި މޮޑާނާ ކަމަށެވެ.

"މޮޑާނާއަކީ މައިނަސް 20 ޑިގްރީގައި ބަހައްޓައިގެން ބޭނުންކުރެވޭ އެއްޗެއް. ރާއްޖޭގައި މިހާރު ހުރި ފެސިލިޓީތަކުން ވެސް އެކަން ކުރެވޭނެ،" ޑރ. ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ގެންނަން ވަކި ވެކްސިނަކަށް ރާއްޖެ މަޑުކޮށްގެން ނޯންނާނެ ކަމަށާއި އެންމެ ފުރަތަމަ މާކެޓަށް ނެރޭ ވެކްސިނެއް ރާއްޖެ ގެންނާނެ ކަމަށެވެ.

"ކޯވެކްސްގެ ތެރެއިން ލިބޭނެ ފުރަތަމަ ނެރޭ އެއްޗެއް. އެއީ ފައިޒާ ކަމަށް ވިޔަސް ގެންނާނެ. އެކަމަކު ރާއްޖެއިން ގަނެގެން ގެންނަން ބޮޑަށް މަޝްވަރާކުރަމުން މިދަނީ އަސްޓްރާޒެނެކާ އާއި މޮޑާނާ،" ޑރ. ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެކްސިން ރާއްޖެއަށް ގެނައުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކުންފުނިތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ވެކްސިން ރާއްޖެއަށް ގެންނާނެ ދުވަހެއް ޑރ. ޝާހު ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރާނަން ވެކްސިނެއް ބޭނުންކުރަން އިމަޖެންސީ ލިސްޓަށް އެރިޔަސް. އެމެރިކާގެ ސީޑީސީ ނުވަތަ ޑަބްލިއުއެޗްއޯ އިން އިމަޖެންސީ ހުއްދަ ދޭ ވެކްސިނެއް ވެސް ރާއްޖެ ގެންނަން ޕްރީ އޯޑާ ވަގުތުން ދޭނެ،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝާހު ވިދާޅުވީ ކޮވިޑް ވެކްސިނެއް ރާއްޖެ ގެނެވޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.

ކޮވިޑް ވެކްސިން ޖަހަން ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި ތިބި 50 އަހަރުން މަތީގެ މީހުންނާއި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ނަން ނޯޓުކުރަން ސިއްހީ އިދާރާތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިހާރު ވަނީ އަންގައިފަ އެވެ.

ބޭހެއް އަދި ފަރުވާއެއް ހޯދިފައި ނުވާ މި ބަލި ރާއްޖޭގައި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،070 އަށް އަރާފަ އެވެ. އަދި އެ ބަލިން 12،001 މީހުން ރަނގަޅުވިއިރު، 47 މީހަކު ވަނީ މަރުވެފަ އެވެ.