ލ. މާވަށު ސްކޫލްގައި ޖަމިއްޔަތުއް ސަލަތުން މިރޭ ބާއްވަން އުޅުނު ދަރުހަށް އެޑިއުކޭޝަން މިނިސްޓްރީން ހުރަސް އަޅައިފި އެވެ.

މާވަށު ސްކޫލްގައި ދަރުސް ބޭއްވުމުގެ ހުއްދައަށް އެރަށު ސްކޫލްގައި އެދުނީ ރަށު ކައުންސިލުންނެވެ. ކައުންސިލްގެ ރައީސް އަހްމަދު މޫސާ ސޮއިކުރައްވައި އެކަމުގެ ހުއްދައަށް އެދި ފޮނުވި ސިޓީގެ ޖަވާބު މިއަދު ވަނީ ދީފައެވެ.

މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލައިޚާ ރަފީއު ސޮއިކުރައްވައި މާވަށު ކައުންސިލަށް ފޮނުވި ސިޓީގެ ކޮޕީ "ހުރިހާ"އަށް ވަނީ ލިބިފަ އެވެ. އެ ސިޓީގައި ވަނީ ދީނީ ދަރުސް ބޭއްވުމަށް ސްކޫލްގެ ހޯލް ދޫކޮށްފައިވާ ކަމަށެވެ.

މާވަށު ކައުންސިލްގެ ރައީސް ވިދާޅުވީ ސިޓީއަކުން ދީފައިވާ ހުއްދަ ކެންސަލްކޮށް ފަހުން އެ މިނިސްޓްރީން މިއަދު މެއިލްއެއް ފޮނުވާފައިވާ ކަމަށެވެ. އެ މެއިލްގައި ވަނީ މިނިސްޓްރީގެ ހުއްދަ ލިބިފައިނުވާތީ ކުރިން ފޮނުވި ޖަވާބު ކެންސަލް ކުރެވިފައިވާ ކަމަށެވެ.

މީގެކުރިން ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލްގައި ސަލަފުން ބާއްވަން އުޅުނު ހަރަކާތަކަށް ހުއްދަ ނުދޭން ނިންމިކަން އެ ސްކޫލުން ވަނީ އަންގާފަ އެވެ.

މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ ވިދާޅުވީ ދީނީ ނަސޭހަތް ދިނުމަށް ހުރަސް އެޅުމަކީ އިސްލާމީ ގައުމެއްގެ ތައުލީމާ ބެހޭ ވުޒާރާއިން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ބޮޑު ޚަރަދެއް ކޮށްގެން ރަށުގެ ރައްޔިތުންނަށް ދީނީ ނަސޭހަތްދޭން އިލްމުވެރިން ވަޑައިގަތުމުން އެކަމަށް ހުރަސް އެޅުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ތުހުމަތު ކުރަނީ އެއީ ސަރުކާރުން ރާވައިގެން ދީނީ ދަރުސް ދިނުން ހުއްޓުވަން ކުރާ ކަމެއްގެ ގޮތުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހުރަސް އެޅުމުން ކައުންސިލް އިދާރާ ކުރިމަތީ ދަރުސް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.