އެ ކުރެހުންތަކުން ދައްކައިދެނީ ދިވެހިންގެ އަސްލު ދިރިއުޅުމެވެ. ދިވެހި ސަގާފަތާއި ދިވެހިންގެ ގޮތް ފޮތެވެ. ދިވެހިންގެ މާހައުލާއި އެ މާހައުލުގެ ރީތި ކަމެވެ. ބަލާލަން ހިތްގައިމުވެފައި ކިތަންމެހާ ވެސް ނަލަ އެވެ.
މިއީ ނ. މިލަދޫއަށް އުފަން މުހައްމަދުގެ ވިޝާމް 30، ގެ ހުނަރުގެ ވާހަކަ އެވެ. އޭނާގެ ފަންސުރުން ދައްކައިދޭ ރީތި މަންޒަރުތަކުގެ ވާހަކަ އެވެ.
އެންމެ ކުޑައިރު އުފަން ރަށުގައި އުޅުނު އިރު ވެސް ވިޝާމް އުޅުނީ އާޓްސްގެ ތެރޭގަ އެވެ. އަވަށްޓެރިއެއް ކަމަށްވާ އިއްބެގެ ކުރެހުންތައް ބަލައިގެން އެ ކޮޕީ ކުރަން އޭނާ ވެސް މަސައްކަތް ކުރި އެވެ. އެގޮތުގެ މަތިން އާޓްސްއަށް ހިތްޖެހި އެކަމުން ކުރިއަށް ދާން ގަސްދުކުރީ އެވެ.
އޭގެ ވިއްސަަކަށް އަހަރު ފަހުން މިއަދު ވިޝާމްއަކީ ދިވެހި ރާއްޖެއިން ވެސް ގުނާލެވޭ އެންމެ ހުނަރުވެރި އެއް އާޓިސްޓަށް ވާނެ އެވެ. އޭނާގެ މަސައްކަތްތަކަކީ ފުރިހަމަ ބަލާލަން ހިތްގައިމު މަސައްކަތް ތަކެކެވެ.
"އެންމެ ކުރަހާ ހިތްވަނީ ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ކަހަލަ ކުރެހުންތައް. އެކަހަލަ ކުރެހުންތަކަށް ވަރަށް ސަޕޯޓް ލިބޭ،" ވިޝާމް ބުންޏެވެ.
އޭނާގެ މަސައްކަތްތަކަށް ބަލާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ދިވެހިންގެ އަސްލު ދިރިއުޅުން ދައްކުވައިދޭން އޭނާ ކުރާ މަސައްކަތެވެ. އެކި ކުލަތަކުން ޖަރީކޮށް ކުރެހުންތަކެއްގެ ގޮތުގައި އޭނާ ގެނެސްދެނީ އަހަރުމެންގެ ކާބަފައިންގެ އާދަކާދައާއި ގޮތް ފޮތެވެ.
ރާއްޖޭގެ ސަގާފަތުގެ އިތުރުން މި ސަރަހައްދުގެ އެކި ގައުމުތަކުގެ ސަގާފަތްތަކަށް ވެސް ވިޝާމް އޭނާގެ ކުރެހުންތަކުން ދިރުން ގެނުވައިދެ އެވެ. އެ ކުރެހުންތަކުން ސަރަހައްދީ ސަގާފަތްތަކުގެ މެދުގައިވާ އެއްގޮތް ކަންކަން ހިތަށް ގެންނަން ފަސޭހަ ކުރުވަ އެވެ.
"އެކަމުގެ ތެރެއަށް ވަދެވުނީ ރިސޯޓް ރައްޓެހިންގެ އެދުމުގެ މަތިން ކުރި ބައެއް މަސައްކަތްތަކާއެކު،" ބޭރުގެ ސަގާފަތްތައް ދައްކުވައިދޭ ކުރެހުންތަކާ ބެހޭ ގޮތުން ވިޝާމް ބުންޏެވެ.
އޮޒެން ލައިފް މާދޫ ރިސޯޓުގައި ލައިފްގާޑެއްގެ ބުރަ މަސްއޫލިއްޔަތު އަދާ ކުރަމުން ދިޔަ ނަމަވެސް ކުރެހުމަށް ވިޝާމް ވަގުތު ހުސް ކުރަނީ ކުރާ ހިތުންނެވެ. ވަޒީފާއިން ލިބޭ ހުސް ވަގުތުތައް އެކަމަށް ހާއްސަ ކުރަން ޖެހުނު ކަމުގައި ވިޔަސްމެ އެވެ.
"ހެނދުނު ޑިއުޓީ އޮތިއްޔާ ރޭގަނޑު މުޅިންހެން އުޅޭނީ ކުރެހުމުގަ. އެއީ މިކަމަށް ވަގުތު ހުސްކުރާ ގޮތަކީ،" ވިޝާމް ބުންޏެވެ.
އޭނާ ބުނިގޮތުގައި މި ދާއިރާގައި ކުރިއަށް ދާން ދިވެހި އާޓިސްޓުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރިތަކުން ދިވެހި އާޓިސްޓުންގެ އުފެއްދުންތައް ބަލައިނުގަނެ އިމްޕޯޯޓް މުދަލަށް ބަރޯސާ ވުމެވެ. ދިވެހިންގެ ރަމްޒެއްގެ ގޮތުގައި ވެސް ފަތުރުވެރިންނަށް ބޭރުގެ އުފެއްދުންތައް ހުށައެޅުމެވެ.
"އަސްލު އެންމެ ބޮޑު އުނދަގުލެއް ކަމަށް ގަބޫލު ކުރަނީ ދިވެހިންގެ މަސައްކަތްތައް ބަލައިނުގަނެ ބޭރުން ކުރެހުންތައް ގެނެސްގެން ވިއްކުން،" އޭނާ ބުންޏެވެ.
މިހާތަނަށް އާއްމުންނަށް ފެންނަ ފަދަ އެގްޒިބިޝަންއެއްގައި ބައިވެރިވެފައި ނުވިޔަސް ކުރިއަށް އޮތް ތަނުގައި އެފަދަ އެގްޒިބިޝަންއެއްގައި ބައިވެރިވުމުގެ ޚިޔާލު ވިޝާމްގެ އެބަހުއްޓެވެ. އެހެން ނަމަވެސް މިވަގުތު އޭނާގެ މަސައްކަތްތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ އެންމެ ފަސޭހަ މަގަކީ "ވިޝާމް އާޓްސް"ގެ ނަމުގައި ފޭސްބުކް އަދި އިންސްޓަގުރާމްގައި އޭނާ ހިންގާ ޕޭޖުތަކެވެ.
"އަސްލު ވަރަށް ބޭނުން މޯލްޑިވްސް އާޓްސް ކޮމިއުނިޓީގެ އެގްޒިބިޝަންގައި ބައިވެރިވާން. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވާނަން،" ވިޝާމް ބުންޏެވެ.
މި ދާއިރާއަށް އަލަށް ނުކުންނަ ޒުވާން އާޓިސްޓުންނަށް ވިޝާމް ބުނެލަން ބޭނުންވީ މިއީ ވެސް ރާއްޖޭގައި ރަނގަޅު ކުރިމަގެއް އޮތް މަސައްކަތަކަށް ވެފައި ފުލްޓައިމް ވަޒީފާއެއްގައި އުޅެމުން ވެސް ކުރެވިދާނެ ކަމަކަށް ވާތީ އެކަމަށް ފަސް ނުޖެހުމެވެ.
"މިއީ ވަރަށް ރަނގަޅު ކުރިމަގެއް އޮތް ކަމެއް ރާއްޖޭގައި. އެހެން ވަޒީފާއެއްގައި އުޅެމުން ވެސް އިތުރު އާމްދަނީއެއް ހޯދިދާނެ ފަސޭހަ ގޮތެއް މީ،" އޭނާ ބުންޏެވެ.
ވިޝާމްއަށް މިހާ ހިސާބަށް އާދެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގަ އެވެ. އެހެންވެ ވިޝާމްގެ މައިންބަފައިންގެ އިތުރުން ރިސޯޓު ދިރިއުޅުމަށް އޭނާ ނެރެދިން ޔައުގޫބް އިސްހާގްގެ ނަން އޭނާ ފާހަގަކުރީ ޝުކުރުވެރިކަމާ އެކުގަ އެވެ.
"އޭނާއާ ނުލާ (ޔައުގޫބުއާ ނުލާ) އަޅުގަނޑަށް މިއަދު އާދެވިފައި މިހުރި ހިސާބަށް ޔަގީނުން ވެސް ނާދެވުނީސް" ވިޝާމް ބުންޏެވެ.
ވިޝާމްއަކީ ދިވެހި އާޓިސްޓް ކޮމިއުނިޓީގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާގެ މަސައްކަތްތަކުން ޒުވާން އާޓިސްޓުން މިސާލު ނަގަން ޖެހޭ ކުޅަދާނަ އާޓިސްޓެކެވެ. ދިވެހިންގެ ދިރިއުޅުން ކިތަންމެހާ ވެސް ރީތިކޮށް އޭނާގެ ފަންސުރުން ދައްކުވައިދެ އެވެ.