ދިރާގުން ދުނިޔޭގެ ސުޕަ ހައިވޭ، ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅާލުމަށް ބޭނުންވާ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ބުނީ މިއަހަރުގެ ކުރީކޮޅު ދިރާގުން ދުނިޔޭގެ ވަރުގަދަ މުއާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާ ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެ މަސައްކަތް އަމަލީގޮތުން ފަށާފައިވާ ކަމަށެވެ. އަދި މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝީއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖުތަކަށް ދިރާގުގެ ނެޓްވޯކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ދިރާގުން އަންނަނީ ރާއްޖޭގެ ކޭބަލް ބްރާންޗު ހުޅުމާލޭގައި ލޭންޑްކުރުމަށް ބޭނުންވާ ކޭބަލް ލޭންޑިން ސްޓޭޝަން ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ މި ލޭންޑިން ސްޓޭޝަން ހެދުމަށް ބޭނުންވާ ބިން ހުޅުމާލެއިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލްއަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން ދެކުނު އޭޝިޔާއިންފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަގު ޔޫރަޕާ ގުޅާލެވޭ މި ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމާ ރާއްޖެ ގުޅާލުމަށް ވަނީ ހަމަޖެހިފައިވެ އެވެ. ސިންގަޕޫރުން ފެށިގެން ފްރާންސް އާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025 ވަނަ އަހަރުގެ ފުރުތަމަ ކުއާޓަރަށް ނިމޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއީ ދިރާގުގެ ނެޓްވޯކު ޔޫރަޕާއި މެދުއިރުމައްޗާއި ދެމެދު އަދި އިންޑިއާއިން ސިންގަޕޫރަށް ގުޅާލުމަށްޓަކައި ދިރާގުން ކުރާ ބޮޑު އިންވެސްޓްމެންޓެއް ކަމަށް ދިރާގުން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލްތަކަކާ ސީދާ ގުޅުވާލެވުމުގެ ސަބަބުން، އިންޓަނެޓް ގެ ސްޕީޑް އާއި ފެންވަރު އިތުރަށް ރަނގަޅުވެ، އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އަދި މީގެ އިތުރުން މި ކޭބަލްގެ ޒަރިއްޔާއިން 5ޖީ ފަދަ އަލަށް ތައާރަފުވާ ޓެކްނޮލޮޖީތަކާއި އާޓިފިޝަލް އިންޓެލިޖެންސާއި އޭއާރުގެ ކުރިއެރުންތަށް ދިރާގުގެ ވިޔަފާރި އަދި ގޭމާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.