ފުވައްމުލަކުގެ ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް، އަދި އޮންލައިން ނޫސް ފުވައްމުލަކު ޓައިމްސްގެ ފައުންޑަރު އަލީ ވަސީމް ހުސެއިން (ޗަންޕާ) ހާޓް އެޓޭކެއް ޖެހިގެން މިއަދު ނިޔާވެއްޖެ އެވެ.

ފުވައްމުލަކު ރަތަމަލާނާ އަލީ، 42، ނިޔާވީ އާއިލާ މީހުންނާ އެކު މެންދުރު ގޭގައި ކާން ހުއްޓާ ވެއްޓިގެން ކަމަށް އޭނާގެ ގާތް އެކުވެރިއަކު ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ

އަލީ ވަނީ ހިތުގެ މައްސަލައެއްގައި މީގެ ކުރިން އެންޖިއޯޕްލާސްޓީ ހަދައިފަ އެވެ.

އޭނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުނާޑު ކައުންސިލަށް އައްޔަންކުރި މެމްބަރެވެ. އޭގެ ފަހުން ވަސީމް ވަނީ ކައުންސިލް އިންތިހާބު ޖެހިޖެހިގެން ދެ ދައުރު ކާމިޔާބުކޮށް، ފުނާޑު ކައުންސިލްގެ ރައީސްކަން ކޮށްފަ އެވެ.

އެ ދައުރު ހަމަވުމުން އޭނާ ވަނީ ޕެރަޑައިސް ރިސޯޓުގައި ވެސް މަސައްކަތްކޮށްފަ އެވެ. ނިޔާވީ މިވަގުތު ފުވައްމުލަކުގައި ހުއްޓަ އެވެ.

ކައުންސިލްގެ ދައުރު ނިމުމުން އޭނާ ވަނީ ފުވައްމުލަކު ޓައިމްސްގެ ނަމުގައި އޮންލައިން ނޫހެއް ހިންގަން ފަށައިފަ އެވެ. އެ ނޫހުން އާއްމުކޮށް ގެނެސްދެނީ ރަށުގެ ހަބަރުތަކާއި ސިޔާސީ އެކިއެކި ހަބަރުތަކެވެ.

ސިޔާސީ ކަންކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅާ އަލީއަކީ އެންމެންނާ ވެސް ގުޅޭ ވަރަށް ހިތްހެޔޮ މަޖާ މިޒާޖެއްގެ މީހެކެވެ.