ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް އިޓަލީގެ މަޝްހޫރު ކުރެހުންތެރިޔާ އެމީޑިއޯ މޮޑަގްލިއާނީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމެއް ޑައިރެކްޓްކުރަން ނިންމައިފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މިއީ 25 އަހަރު ފަހުން 59 އަހަރުގެ އެކްޓަރު ޑެޕް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމު ކަމަށެވެ.

މިއީ އިޓަލީގެ ކުރީގެ މަޝްހުރު ކުރެހުންތެރިޔާ އެމީޑިއޯ މޮޑަގްލިއާނީގެ ވާހަކަ ކިޔައިދޭ ބައޮގަރްފިކަލް ޑްރާމާއެކެވެ.

"މޮޑަގްލިއާނީ"ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަޝްހޫރު އެކްޓަރު އަލް ޕަޗީނޯގެ އިތުރުން ބެރީ ނަވީޑީ ވެސް ހިއްސާވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 1920 ގައި މަރުވި ކުރެހުންތެރިޔާއާ ބެހޭ ގޮތުން ހަދާ ފިލްމަކީ 1979 ވަނަ އަހަރު ޑެނިސް މެކިންޓަޔާ ލިޔެފައިވާ ޕްލޭއެއް އަސްލަކަށް ބަލައިގެން ހެދުމަށް ނިންމާފައިވާ ފިލްމެކެވެ.

މިފިލްމުގެ ޝޫޓިން ފަށާނެ ދުވަހަކާއި މިފިލްމުގައި ފެނިގެންދާނެ ތަރިންނާ ބެހޭ މައުލޫމާތެއް އަދި ހިއްސާކޮށްފައިނުވެ އެވެ.

ޑެޕްގެ ފުރަތަމަ ޑައިރެކްޝަނަކީ އޭނަ ސްކްރީންޕްލޭގައި ވެސް ހިއްސާވި 1997 ގެ "ދަ ބްރޭވް" އެވެ.

ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑް އަށް ގެވެށިއަނިޔާކުރިކަމުގެ ތުހުމަތުތަކާ އެކި ފިލްމީ ކެރިއަރަށް ލޮޅުން އެރި ހުނަރުވެރި އެކްޓަރު މިހާރު އަންނަނީ ގިނަ ދުވަސްތަކެއް ފަހުން ފިލްމެއް ވެސް ކުޅެމުންނެވެ. އެއީ ފްރާންސްގެ ފިލްމެއް ކަމަށްވާ "ޖިއާން ޑޫ ބެރީ" އެވެ.

ޑެޕް އެންމެ ފަހުން ފެނިފައި ވަނީ އޭނާ ޕްރޮޑިއުސް ވެސް ކޮށް، ކުޅުނު 2020 ގެ "މިނަމާޓާ" އިންނެވެ.