ބޮލީވުޑްގައި 1900ގެ އަހަރުތަކުގައި ވިދާލި ދެ ތަރިކަމަށްވާ އަމީތާބް ބައްޗަން އާއި ބްހާނޫ ރޭކާ ޖެމިނީގަނޭސަން (ރޭކާ)ގެ ލޯބީގެ ވާހަކަތަކަކީ، އަދިވެސް އެވާހަކަތަކަކަށް ފަނޑުކަމެއް އައުމެއް ނެތް ވާހަކަ ތަކެކޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެ އެވެ.

ހަމައެހެންމެ، ދެތަރިންގެ ގުޅުމުގެ ތެރެއިން ތަރިންގެ ފޭނުންނަށް ބޮޑު ސިހުމެއް ގެނުވި އެއް ވާހަކަ އަކީ އަމީތާބާއި، ރޭކާގެ މެދުގައި ޖެހެމުންދިޔަ މައްސަލަތަކުގެ ވާހަކަތަކެވެ. އޭގެތެރެއިންވެސް ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވި އެއް ހަބަރަކީ އަމީތާބު، އޭނާގެ އޭރުގެ ލޯބިވެރިޔާ ރޭކާގެ މޫނުމަތީގައި ޖެހިކަމަށް ބުނާ ވާހަކަތަކެވެ.

މިކަން ފެށުނީ، އަމީތާބުގެ ހިޓް ފިލްމެއްކަމަށްވާ "ލާވާރިސް"ގެ ޝޫޓިންގެ ތެރެއިންނެވެ. ޝޫޓިންގެ ތެރެއިން، އަމީތާބަށް އީރާނަށް ނިސްބަތްވާ ނެށުންތެރިއަކަށް ހިތް ޖެހުނެވެ. އަދި އެކަން ފިލްމު އިންޑަސްޓްރީގައި ފެތުރިގެން ގޮސް، ރޭކާއާ ހަމައަށް އަންނަން މާ ގިނަ ދުވަހެއް ނުނަގަ އެވެ.

މިކަމާއި ހިތްހަމަ ނުޖެހި ރޭކާ ވަނީ އަމީތާބު މަސައްކަތް ކުރަމުން ދިޔަ ފިލްމުގެ ޝޫޓިން ސެޓަށް ގޮސްފަ އެވެ. އަދި ސެޓުގައި އެކަމާއި ގުޅިގެން ކުރި ޒުވާބު ހޫނުވެ، އެންމެ ފަހުން އަމީތާބު ވަނީ ރޭކާގެ މޫނުމަތީގައި ޖަހާފަ އެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ ރޭކާގެ މޫނުމަތީގައި ދެތިން ހަތަރު ފަހަރަށްވެސް ޖަހާފައިވާކަމަށް ހަބަރުލިބެ އެވެ.

މި މައްސަލައިގައި އިތުރަށް އަމީތާބާ އެކު މަސައްކަތް ނުކުރަންވެސް ރޭކާ ނިންމި އެވެ. އެހެންނަމަވެސް އެދެމީހުންގެ ފިލްމު "ސިލްސިލާ" ގެ ބޮޑު މަސައްކަތެއް ނިމިފައިވާކަން ފާހަގަކޮށް ޔަޝް ރާޖް ވަނީ ފިލްމުގެ މަސައްކަތް ނިންމުމަށް ރޭކާ ގާތުގައި އެދިފަ އެވެ.

ދެތަރިންގެ ލޯބީގެ ގުޅުން ނިމުނު ކަމުގައިވީނަމަވެސް މިއަދުވެސް ރޭކާ އަމީތާބުދެކެ ލޯބިވާކަން ހާމަވާކަމަށް ފޭނުން ބުނެ އެވެ.

ހަމައެހެންމެ ރޭކާގެ ފިރިއެއް ނެތަސް، އަބަދުވެސް ކައިވެނިވެފައިވާ އަންހެނެއްކަން ރަމްޒުކުރުވައިދޭ މަންގަލްސޫތްރަ އާއި ސިންދޫރަ އޭނާ ޖަހަ އެވެ. މިތަކެއްޗަކީ އޭނާ، އަމީތާބުގެ ނަންމަތީގައި އަޅާފައިވާ ތަކެތި ކަމަށް އާންމުން ބުނެ އެވެ.