ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މައްސަލައިގައި ދައުވާ ކުރުމާ މެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަކި ގޮތެއް ނުނިންމުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ މައްސަލަ ފައިލްކޮށްފި އެވެ.

އޭސީސީއިން ބުނީ ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީއަށް ތަހުގީގު ކުރެވޭނެ އެންމެ ފުރިހަމައަށް އެ ތަހުގީގު ކުރުމަށްފަހު އެ މައްސަލައިގައި ހިމެނޭ އެހެން މީހުންގެ މައްޗަށްވެސް ދައުވާކުރުމަށް ތިން ފަހަރަށް ޕީޖީ އޮފީހަށް ފޮނުވުނު ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލާފައިވާތީ 8 މީހެއްގެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.

ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތުގެ އަމަލު ހިންގުމުގައި 11 ބޭފުޅަކު ޝާމިލްވާ ކަމަށް އޭސީސީން ކުރިން ތުހުމަތުކޮށްފައިވެ އެވެ. އެ ކޮމިޝަނުން މިއަދު ބުނީ ވެންޓިލޭޓަރު މައްސަލައިގައި ތުހުމަތުކުރެވޭ ހުރިހާ ބޭފުޅުންގެ މައްސަލަ އަދި ފައިލް ނުކުރާ ކަމަށެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގަ އެވެ. އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މެއި 3، 2021 ގަ އެވެ.

ސަރުކާރުން ވަނީ ވެންޓިލޭޓަރު ގަތުމަށް އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ. އެކަމަކު އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވެ އެވެ. އެކަމާ ގުޅިގެން މިއަހަރުގެ މެއި މަހު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކުރަން ނޯޓިސް ފޮނުވާފަ އެވެ.

ސަރުކާރުން އެ ކުންފުންޏާ ގަންނަން ހަވާލުކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއިން އެއްވެސް ވެންޓިލޭޓަރެއް ބޭނުމެއް ނުކުރެވުނެވެ

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވި ތިން ފަހަރު ޕީޖީ އޮފީހުން އެ މައްސަލަ އޭސީސީއަށް ފޮނުވާލާފައިވަނީ މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.