ކީވް (21 އޮގަސްޓް) - އަންނަ ހަފްތާގައި ފާހަގަކުރާ ޔޫކްރެއިންގެ މިނިވަން ދުވަހާ ދިމާކޮށް ރަޝިއާއިން އެގައުމަށް ވަރުގަދަ ހަމަލާއެއް ދީފާނެ ކަމަށް އެގައުމުގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ވީޑިއޯ މެދުވެރިކޮށް ދެއްވި ކުރު ޚިތާބުގައި ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގެ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރަމުން ދާއިރު ރަޝިއާއިން އެގައުމުގެ ރައްޔިތުންގެ ހިތްތަކަށް ބިރާއި ސިހުން ވެއްދިޔަ ދީގެން ނުވާނެ ކަމަށެވެ.

ޔޫކްރެއިންގެ މިނިވަން ދުވަސް ފާހަގަ ކުރަނީ މީގެ 31 އަހަރު ކުރިން ސޮވިއަޓް ޔޫނިއަންއިން ވީއްލި މިނިވަން ދައުލަތެއް އިއުލާންކުރި ދުވަހާ ގުޅުވައިގެންނެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ސޮވިއެޓް ޔޫނިއަންއަކީ މިހާރު ޔޫކްރެއިންގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ ރަޝިއާ އިސްވެ އޮވެ ހިންގި ޖަމާއަތެއް ކަމެވެ.

"މިހަފްތާ ތެރޭގައި ރަޝިއާއިން އަހަރުމެންނާ ދެކޮޅަށް ބޮޑު ކަމެއް ރާވައި ހިންގަފާނެ ކަމަށް ވިސްނައިގެން ތިބެން ޖެހޭ،" ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ރަޝިއާއިން ކޮންޓްރޯލްކުރާ ކްރިމިއާ ސަރަހައްދުގެ މަދަނީ ހިސާބުގަނޑަކަށް ދިން ހަމަލާއެއްގައި 14 މީހަކަށް އަނިޔާވެ، ގިނަ ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގަ އެވެ.

ޔޫކްރެއިންއިން މި ހަމަލާތަކުގެ ޒިންމާ ނަގާފައި ނުވިޔަސް ރަޝިއާއިން އަންނަނީ މިކަމުގެ ޒިންމާ އެގައުމުގެ ބޮލުގައި އަޅުވަމުންނެވެ. -- ދަ ސްޓްރެއިޓް ޓައިމްސް