ސިޔާސަތުތައް އެކަަށައެޅުމާއި ހިންގުމުގައި ރަނގަޅު ޢިލްމީ ދިރާސާތަކުގެ ސަބަބުން ހޯދޭ ނަތީޖާ ރަނގަޅު ކަމަށާއި، ގައުމު ބިނާކުރުމުގައި ދިރާސާތަކާ ގުޅުވާލަންޖެހޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ، "ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2022" އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިފަހަރުގެ ކޮންފަރެންސްގެ ޝިޢާރެއްގެ ގޮތުގައި، ގައުމު ބިނާކުރުމަށް ދިރާސާކުރުން ކަނޑައަޅާފައިވާއިރު، ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، ގައުމީ ތަރައްގީގައި ދިރާސާތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. މީގެ އިތުރުން ދިރާސާއަކީ ނިންމުންތައް ނިންމުމުގައި އެހީވެދޭ ކަމެއް ކަމަށާއި، އާބާދީއަށް ދިމާވާ މައްސަލަތައް ދެނެގަނެވޭ، ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ، ފަޤީރުކަމާއި، ވަޒީފާ ނެތުމާއި، ހަމަހަމަކަން ނެތުންފަދަ ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ދިރާސާތަކަކީ އެހީއެއް ކަމަށެވެ. އަދި އިޤުތިޞާދު ހަރުދަނާވެ ސިނާއަތްތައް ކުރި އެރުމާއި، މުޖުތަމަޢު ބިނާކުރުމަށްވެސް ދިރާސާތަކުގެ ސަބަބުން އެހީތެރިކަން ލިބިގެންދާ ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ.

މިރޮނގުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ނައިބް ރައީސް ވިދާޅުވި، ދިރާސާ އަކާއި ނުލައި ތަރައްޤީއަށް ކުރެވޭ މަސައްކަތަކުން ނަތީޖާ ނުނެރެވުން ގާތްކަމަށެވެ. އަދި ޤައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީވެސް، ޢިލްމީ ދިރާސާތައް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ޒަމާނީ އައުހޯދުންތަކާއި އީޖާދުތަކަށް މުޖުތަމަޢު ވާޞިލްކޮށްދެނީ ދިރާސާތަކުން ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ސަރުކާރުތަކުންވެސް ސިޔާސަތުތައް ހަރުދަނާކޮށް ކުރިއެރުވުމަށް، ދިރާސާތަކުގެ އަޑުތައް އައްސަވާނެ ކަމުގައި އުއްމީދު ކުރައްވާކަމަށެވެ. އަދި މިކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ބަދަލުކުރެވޭ ތަޖުރިބާތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީ އަށާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އީޖާދީ ހައްލުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ރިސާޗް ޑިވެލޮޕްމެންޓް އޮފީހުން އިންތިޒާމްކޮށްގެން މިކޮންފަރެސް ބާއްވަމުން އަންނަތާ މިއީ 5 ވަނަ އަހަރެވެ. މިއަހަރުގެ ކޮންފަރެންސް ކުރިޔަށްދާނީ އޮގަސްޓް 22 އިން 23އަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގަ އެވެ.