މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއްކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައިވާ ފަސް ދިވެހިން ދޫކޮށްލީ، އެމީހުން ދޫކޮށްލުމުން މުޖްތަމައަށް އެއްވެސް ނުރައްކަލެއް ނެތުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެ މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.

ފުލުހުން ބުނީ ސެޕްޓެންބަރު 14 ވަނަ ދުވަހު ލިބުނު މައުލޫމާތާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހ. ވައިފިނި ހަވަނަ ފްލޯ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އަދި މަނާ ބޭހާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއްސާއި ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ފެނިފައިވާ ކަމަށެވެ.

މިމީހުންނާއި އެކު ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެއް ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 108 ގްރާމް އެމްޑީއެމް އަދި 7 ގްރާމް ހެރޮއިން އެވެ.

އެނގިފައިވާ ގޮތުގައި އެ ފަސް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިޔަ ނުވަ ވަނަ ފަހަރު އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ޖުމްލަ 7 މީހަކު ހައްޔަރުކޮށް، ދެ މީހަކު މީގެ ކުރިން ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުން ދޫކޮށްލީ އެ މައްސަލާގައި ބައިވެރިވި ކަމުގެ ހެކި ލިބިފައި ނުވާ ކަމަށް ބުނެ ކަމަށް ފުލުހުން ބުންޏެވެ.