ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. ރަތްމަންދު އަށް މިއަދު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

މ. އަތޮޅުގެ ފަސް ރަށަކަށް ރައީސް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރަތްމަންދޫއަށް ވަޑައިގަތްފައި ވަނީ މިއަދު ހެނދުނު އެވެ.

ރައީސް ސޯލިހު ރަތްމަންދުއަށް ވަޑައިގަތުމުން ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވައިފަ އެވެ.

އެގޮތުން ރައީސްގެ އިސްތިގުބާލުގައި މިރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ރަށު ފާލަން ސަރަހައްދަށް ޖަމާވެފައިވެ އެވެ. އަދި އެމަނިކުފާނު ވަޑައިގަތުމުން ސަގާފީ އެކި ނެށުންތައް ވެސް ހުށަހެޅި އެވެ.

ރައީސް ސޯލިހު މިރަށަށް ކުރައްވާ މި ދަތުރުފުޅުގައި މިރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ އެވެ. އަދި މިރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.

މިރަށުން ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ މިއަތޮޅު މަޑުއްވަރީއަށެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މިރަށުގެ އިތުރުން މަޑުއްވަރީއާއި ދިއްގަރާއި މުލީގެ އިތުރުން ވޭވަށަށް ވަޑައިގަންނަވާން ވަނީ ނިންމަވައިފަ އެވެ.

ރައީސް ސޯލިހުގެ މިދަތުރުފުޅުގައި ރަށްރަށުގައި ހިނގާ ޢުމުރާނީ ތަރައްގީގެ މަސްރޫއުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ވެސް ބައްލަވާ ލައްވާނެ އެވެ.

މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ދެ ދުވަހުގެ މި ދަތުރުފުޅަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ.